ޚަބަރު
ކިހާދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފި
ކިހާދޫއަށް ގެންދިޔަ ޖްންރޭޓަރު. ފޮޓޯ: ސްޓެލްކޯ
ބ. ކިހާދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ޓަކައި އެ ރަށަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައި ވަނީ، ދާދިފަހުން ކިހާދޫގެ ކަރަންޓުގެ ޚިދުމަތާއި އެ ކުންފުނިން ހަވާލުވެ، ޚިދުމަތްދެމުން ގެންދާ ކަމަށެވެ. އަދި ޚިދުމަތް ދެމުންގެންދިޔަ 3 ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރަކަށް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައި ކަމަށެވެ.
އެކަމާއި ގުޅިގެން ކިހާދޫއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، އެ ކުންފުނީގެ ޚިދުމަތުގެ ޔަގީންކަން ކަށަވަރުކުރުމަށް ޓަކައި ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެގޮތުން، 24 ގަޑިއިރުގެ ތެރޭގައި އެ ރަށަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ ޖަނަރޭޓަރު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ޖަނަރޭޓަރުން ޚިދުމަތްދޭން ފެށުމާއެކު، ކިހާދޫގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެ، އިތުބާރު ބޮޑުވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ބ. ކިހާދޫގެ ކަރަންޓުގެ ހިދުމަތާ ދާދިފަހުން މި ކުންފުނިން ހަވާލުވެ، ހިދުމަތް ދެމުންގެންދިޔަ 3 ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ރަށުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، ހިދުމަތުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި… pic.twitter.com/AizARR6xWk
— STELCO (@STELCOMALDIVES) August 16, 2026
ކަރަންޓުގެ ޚިދުމަތަކީ، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޚިދުމަތްކަމަށް ވާއިރު، އެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މީގެ އިތުރުން، ރަށްރަށުގައި ހުރި އިންޖޭނުގެ ތަކުގައި ބޭނުންކުރާ ޖެނެރޭޓަރުތަކުގެ ހާލަތު ބަލައި، އެ ޖެނަރޭޓަރުތައް އޯވާހޯލް ކުރުމާއި، ކަރަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ސްޓެލްކޯ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.