ޚަބަރު
ފްލައިޓެއް ވެއްޓި ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރަކަށް އަނިޔާވެއްޖެ
ސްޕެއިން ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރު ދުއްވި މަތިންދާ ބޯޓު. ފޮޓޯ: ލަ ރިއޯޖާ
ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި ކުޑަ މަތިންދާ ބޯޓެއް ވެއްޓި އެ ކުއްޖާއަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން، ދިވެހި ދަރިވަރުގެ އިތުރުން، އެ ކުޑަ މަތިންދާ ބޯޓުގައިއިން އިންސްޓްރަކްޓަރަށް ވެސް އަނިޔާވެފައިވާ ކަމަށް ސްޕެއިންގެ ލަ ރިއޯޖާ މީޑިޔާއިން ރިޕޯޓުކުރެއެވެ. އަދި ވެއްޓިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ، "ޓެކްނަމް 2006" މޮޑެލްގެ ދެ އިންޖީނު އެޅި މަތިންދާބޯޓެކެވެ.
ސްޕެއިންގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނިޔާވެފައިވަނީ "ފްލައިބައި" ޕައިލެޓް ސްކޫލްގައި ކިޔަވާ އުމުރުން 27 އަހަރުގެ އަންހެން ދިވެހި ދަރިވަރަކަށާއި، ޕޯޗުގަލްއަށް އުފަން 26 އަހަރުގެ އިންސްޓްރަކްޓަރަކަށެވެ.
އަނިޔާވި ދެ މީހުނަށް ފަރުވާ ދިނުމުގެ ގޮތުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެ މީހުންނަށް ވަނީ، ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އޮގޮތުން، ދިވެހި ދަރިވަރުގެ ބޯ ފަޅައިގެން ގޮސް ފަޔާއި ތަނބިކަށި ބިންދައިގެން ގޮސްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އިންސްޓްރަކްޓަރުގެ ބޮލާއި، ކަނދުރާއަށް ގެއްލުންވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އަނިޔާވި ދިވެހި ދަރިވަރާއި އިންސްޓްރަކްޓަރުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެއެވެ
މި ހާދިސާ ހިނގުމަށް މެދުވެރިވެފައި ވަނީ، އިންޖީނަށް ދޫންޏެއް ވަނުމުގެ ސަބަބުން ނުވަތަ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ތަހުގީގުގެ ފުރަތަމަ މަރުހަލާއިން ވަނީ ހޯދިފައެވެ.
"ލަ ރިއޯޖާ" ނޫހުގައި، އެ ހާދިސާގައި އަނިޔާވީ ދިވެހި ދަރިވަރަކަށް ކަމަށް ބުނެފައިވީ ނަމަވެސް، ބައެއް ނޫސްތަކުގައިވާ ގޮތުން، ހާދިސާގައި އަނިޔާވީ ޕާކިސްތާނުގެ ދަރިވަރަކަށެވެ.
ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން މިހާރު ވަނީ ހާދިސާގެ ތަހުގީގު ފަށައިފައެވެ.