ޚަބަރު
ފްރެންޑް 4 ދޯނިން ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައިފި
ފްރެންޑް 4 ގެއްލުނު ސަރަހައްދު ފޮޓޯ: ފުލުހުން
މި މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށްޓަކައި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައިފިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން އެ ދޯނީގެ ކެޕްޓަނެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެމަގުން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، ވަޔާއި ކަނޑުގެ އޮއިވަރު ހުރިގޮތަށް ބަލައި، އޮޔާ ހިނގައިދާނެ ކަމަށް ލަފާކުރެވޭ މިސްރާބުން ހުވަދޫ ކަނޑާއި، ލ. އަތޮޅު އަދި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައް ވެސް ވަނީ ބަލާފައެވެ.
މި އޮޕަރޭޝަންގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާއިރު، މޯލްޑިވިއަންގެ އެއަރކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ 2 ޑްރޯން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. އިންފްރާރެޑް ސެންސަރުތަކުގެ އެހީގައި ރޭގަނޑު ވެސް ކަނޑުމަތި ބެލުމުގެ ޤާބިލުކަން ލިބިފައިވާ މި ޑްރޯންތަކުގެ އިތުރުން، އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ވެސް މި އޮޕަރޭޝަނުގައި ވަނީ ބޭނުންކޮށްފައެވެ.
މީގެއިތުރުން، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވެސް މި އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ޚާއްޞަ އެމެރިކާ ނޭވީގެ "ޕީ8" މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެން ހުވަދޫ ކަނޑުގެ 6300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.
ދޯނި ބަންޑުންޖަހާލި ވަގުތު ކައިރީގައި ލޭންޑިންގ ކްރާފްޓަކާއި، ފުލުހުން އަދި އެމްއެންޑީއެފްގެ ލޯންޗެއް އޮތުމުން ބައެއް މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް، ދޯނި ކުއްލި ގޮތަކަށް އަޑިއަށް ދިޔައީ ހުވަދޫ ކަނޑުގެ ވަރަށް ފުން ސަރަޙައްދަކަށެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ދޯނި އަޑިއަށް ދިޔަ ސަރަޙައްދުގެ ފުންމިން 1600 މީޓަރަށް ވުރެ ފުންވާނެއެވެ. މިއީ އާދައިގެ ޑައިވަރުންނަށް ފީނޭ ވަރަށް ވުރެ އަދި އަސްކަރީ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ ފުންމިނަކަށް ވުރެ މާ ފުން ސަރަޙައްދަކަށް ވާތީ، ގެއްލުނު މީހުން ފެނުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، އިއްޔެ އެކަނިވެސް ވަނީ ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލު އަދި ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި ފާސްކޮށްފައެވެ.