Ads by Farudhun

ޚަބަރު

ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް %10 އަށް އިތުރުކުރަނީ

ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް %10 އަށް އިތުރުކުރަނީ

މެމްބަރ ހަސަން ޒަރީރް. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޯގަސްޓު 2026، 11:39

17 އޯގަސްޓު 2026، 11:39

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ "ވިތުހޯލްޑިންގ ޓެކްސް" 10 އިންސައްތައަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. 

"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މިއީ، ރާއްޖޭގައި ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ބީލަން ކިޔުމުގައި، ރާއްޖޭގެ ކުންފުނިތަކާއި ބޭރުގެ ނޮން-ރެސިޑެންޓް ފަރާތްތަކުގެ މެދުގައި އިންސާފުވެރި ވާދަވެރިކަމެއް އުފެއްދުމުގެ މަގުސަދުގައި ސަރުކާރުން ހުށައަޅުއްވާފައިވާ އިސްލާހެކެވެ.

ޤާނޫނު މިހާރު އޮތްގޮތުން ރާއްޖޭގައި ވަޒަންވެރިން ކަމުގައި ނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އުނިކުރެވިދާނެ އަދަދެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ހަމައެހެންމެ، ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުނިކުރެވިގެންނުދާނެ ކަމަށް ވަނީ ބުނެފައެވެ.

 ސަރުކާރުން  ވަނީ މި މާއްދާއަށް  ދެ އަކުރު އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން އުނިކުރާ އަދަދަކީ، ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން، އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެ ކަމަށް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. ހަމައެހެންމެ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ އާމްދަނީ ހިމަނައިގެން ނުވާނެ ކަމަށް ވެސް ވަނީ މި އިސްލާހުގައި ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ، އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ 10 އިންސައްތަ ދައްކަންޖެހޭ ގޮތަށް އިސްލާހުގައިވެއެވެ. މިހާރު ޤާނޫނުގައިވާ ގޮތުން ނަމަ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ 5 އިންސައްތައެވެ.

މި އިސްލާހާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާ ސަރުކާރުން  ހުށައަޅުއްވާފައިވެއެވެ. އެގޮތުން،  އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް މީރާއިން ވަނީ ލަފާކޮށްފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450