Ads by Farudhun

ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: ވިޒިޓް މޯލްޑިވްސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޯގަސްޓު 2026، 12:23

17 އޯގަސްޓު 2026، 12:23

"ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައިފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން އެމްއޭސީއެލްއާއެކު ޕާޓްނަޝިޕް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އޮފް އެއަރ ސަރވިސް ޑިވެލޮޕްމަންޓް، ނަޝާޔާ ޢަބްދުލް ވާޙިދެވެ.

އެއްބަސްވުމުގެ ދަށުން، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބްރޭންޑިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  މީގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން، ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އޮފް އެއަރ ސަރވިސް ޑިވެލޮޕްމަންޓް، ނަޝާޔާ ޢަބްދުލް ވާޙިދު ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މި ޕާޓްނަޝިޕް ގާއިމުކުރެވުނީތީ އުފާކުރައްވާ ކަމަށެވެ. އަދި ރަސްމީ އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އަންނަ ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިޔައި، ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމަށާއި، މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރުކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބިގެންދާ ފަޚުރުވެރެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފާހަގަކޮށްލެވޭ މަންޒިލުތަކާއި، ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްތަނަކަށް ޖަމާކޮށް، އެ ސިނާއަތުގެ ފުރިހަމަކަމާއި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ އެވޯޑެކެވެ. މި ހަފުލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިޝްތިހާރުކުރުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ރާއްޖެ އޮތް މަގާމު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ އަގުހުރި ފުރުސަތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ޕާޓްނަޝިޕަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ހަރަކާތްތައް ރާއްޖޭގައި ބާއްވައި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖެ ދައްކާލުމަށާއި، ސިނާއަތުގެ ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖެ އޮތް މަގާމު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމުގައި ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450