ޚަބަރު
"ދަ ކްރެސެންޓް ޓަވަރ" މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
"ދަ ކްރެސެންޓް ޓަވަރ" މަޝްރޫޢު އިފްތިތާހްކުރުމަށް ބޭއްވި ހަފްލާ ފޮޓޯ: ރެޑް ކްރެސެންޓް
ދިވެހި ރެޑް ކްރެސެންޓުން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 14 ފަންގިފިލާގެ "ދަ ކްރެސެންޓް ޓަވަރ" މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ މިރިހި މަގުގައި ހުންނަ ދިވެހި ރެޑް ކްރެސެންޓުގެ އަމިއްލަ ބިމުގައެވެ. ފްލޯ އޭރިއާގެ ބޮޑުމިނުގައި ޖުމްލަ 70،000 އަކަފޫޓު ހުންނަ މި ޒަމާނީ ޢިމާރާތުގައި ދިވެހި ރެޑް ކްރެސެންޓުގެ މައި އޮފީހާއި ކޮމިއުނިޓީ ހޯލެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ކެފޭ، ބިޒްނަސް ލައުންޖް، ޖިމް، ކިޑްސް ކްލަބް އަދި އޮފީސް ޖާގަ ފަދަ ތަފާތު އެކި ވަސީލަތްތައް ވެސް މި ޓަވަރުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ފައިނޭންޝަލް އެޑްވައިޒަރ އަދި ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނެވެ. މިކަމާ ގުޅޭގޮތުން ފަސްޓް ނެޝަނަލްގެ ސީއީއޯ ޙަސަން ޒިޔަތު ވިދާޅުވީ، ފައިނޭންސްގެ ދައުރު ހަމައެކަނި ބެލެންސް ޝީޓަކަށްވުރެ ފުޅާވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރާއި، އަމިއްލަ ފަރާތްތަކުގެ އިތުރުން ޚައިރާތީ އެހީތެރިކަން ދޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އިންތިޒާމެއްގެ ދަށުން މި މަޝްރޫޢަށް ފައިނޭންސް ހޯދަން ނިންމާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން މުސްތަޤުބަލުގައި އިޖުތިމާޢީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ޒިޔަތު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މައިގަނޑު 4 ގޮތަކުން އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެއީ:
- ޑޯނަރއެއްގެ ގޮތުގައި ބައިވެރިވުން
- ވަކިވަކި ފަންގިފިލާތައް ލީސްކުރުން
- މަޝްރޫޢަށް ފައިނޭންސް ކުރުން
- މަޝްރޫޢުގެ ވަކިވަކި ބައިތައް ސްޕޮންސަރ ކުރުން
މީގެ އިތުރުން، އެންމެ 1،000 ރުފިޔާގެ ކުޑަ ޑޮނޭޝަނަކުން ފެށިގެން ހަމަ ކޮންމެ ފަރާތަކަށްވެސް މި މަޝްރޫޢުގައި ބައިވެރިވެވޭނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން މަޢުލޫމާތުދެއެވެ. އަދި ކޯޕަރޭޓް ސްޕޮންސަރޝިޕްގެ ގޮތުގައި 500،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި، އެފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޢިމާރާތުގެ "ރިކޮގްނިޝަން ވޯލް" ގައި އެ ފަރާތްތަކުގެ ނަން ހިމަނާނެ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން، އެންމެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވަނީ މިހާރު ސޮއިކޮށްފައެވެ.
މި މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތާއި، ޢިމާރާތުގެ ޑިޒައިން ކޮންސެޕްޓް އަދި ބައިވެރިވުމުގެ ފުރުޞަތުތަކުގެ ތަފްޞީލު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ވެބްސައިޓެއް ކަމަށްވާ www.thecrescenttower.mv މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ދިވެހި ރެޑް ކްރެސެންޓަކީ ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެހީތެރިވެދޭ މުސްތަޤިއްލު، ހިލޭސާބަހަށް މަސައްކަތްކުރާ ޤައުމީ ޖަމްޢިއްޔާއެކެވެ. 16 އޯގަސްޓް 2009 ގައި އުފެދުނު މި ޖަމްޢިއްޔާއިން ދަނީ ވޭތުވެދިޔަ އަހަރުތަކުގައި ޤައުމީ ފެންވަރުގެ ބޮޑެތި ޙަރަކާތްތައް ހިންގައި، ޚާއްޞަކޮށް އާންމު ޞިއްޙަތާއި ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަގުހުރި ޚިދުމަތްތަކެއް ޤައުމަށް ފޯރުކޮށްދެމުންނެވެ.
On our 17th anniversary, we are proud to unveil The Crescent Tower.
— Maldivian Red Crescent (@maldivianrc) August 16, 2026
A landmark initiative developed in partnership with @firstnationalmv, envisioned as a sustainable asset that will provide MRC with a permanent home and strengthen our humanitarian work for generations to come. pic.twitter.com/eO0bEH7tM8