ޚަބަރު
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސްގެ ރައީސް ކަމަށް ޑރ. އަސަދު
ޑރ. އަސަދު މުޙައްމަދު ޝަހީދު---
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސްކަމަށް ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބްވެވަޑައިގެންފިއެވެ.
ޑރ. އަސަދު މި މަޤާމަށް އައްޔަނުވެގެންދިއުމަކީ، ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްޤީ ކުރުމުގައި ރާއްޖެއަށް ލިބިގެންދާ ފުރުސަތުތައް ފހިވެގެންދާނެ ކަމެއް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމަށް އޮންނަ ފުރުސަތު ވެސް ބޮޑުވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ދައުރުގެ ސަބަބުން ސަރަޙައްދީ ފެންވަރުގެ ތަމްރީނުތަކާއި، ފަންނީ ގޮތުން ގުޅުން ބަދަހިކުރުމާއި، އިލްމީ ދިރާސާތަކުގެ އިތުރުން ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް ބޮޑެތި އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ސާކްގެ މެންބަރު އެހެން ޤައުމުތަކުގައި ޤާއިމުވެފައިވާ ވަސީލަތްތަކާއި ފަންނީ ތަޖުރިބާގެ ފައިދާ ރާއްޖެއަށް އެންމެ އެދެވޭ ގޮތުގައި ހޯދުމުގެ މަގު ތަނަވަސްވާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
The Maldives has been elected to lead the SAARC Association of Anaesthesiologists, with Dr. Asad Mohamed Shaheed elected as President for the next two years.
— Ministry of Health, Family and Welfare (@MoHmv) August 17, 2026
This is a significant opportunity for the Maldives to strengthen regional collaboration, expand specialised training and… pic.twitter.com/scID40s8oC
ޤައުމީ ފެންވަރުގައި އެންމެ މުހިންމު ދާއިރާތައް ކަނޑައަޅައި، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށާއި، އިންސާނީ ކުޅަދާނަކަން އިތުރުކުރުމުގެ އިތުރުން ކްލިނިކަލް ތަމްރީނުތައް ފުރިހަމަކުރުމަށް މި ފުރުޞަތުގެ ބޭނުން ރާއްޖެއަށް ހިފޭނެ ކަމަށާއި، މީގެއިތުރުން ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެކި އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ ދޮރުތައް ވެސް ހުޅުވިގެންދާނެ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޑރ. އަސަދު މި މަޤާމަށް ހޮވިވަޑައިގެންނެވީ، ރާއްޖޭގެ ޚާއްޞަ ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ހުނަރުވެރި ޞިއްޙީ ޚިދުމަތްތެރިން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ވަގުތެއްގައެވެ. އަދި ރައީސްކަމުގެ ދެ އަހަރުގެ ދައުރަކީ ސަރަޙައްދީ ޞިއްޙީ މައިދާނުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ.