ޚަބަރު
ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެ
އަލްޓްރާ ސައުންޑް ސްކޭން މެޝިން ފޮޓޯ: އެމްޕީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އަލްޓްރާ ސައުންޑް ސްކޭން މެޝިނެއް އިންސްޓޯލްކޮށް، ޚިދުމަތް ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.
މިކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ސިރުހާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ތެރެއިން، ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އަލްޓްރާ ސައުންޑް ސްކޭން މެޝިން އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.
ދަރަވަންދޫގެ ޞިއްޙީ ދާއިރާއަށް ލިބުނު މި އަގުބޮޑު ކުރިއެރުމާ ގުޅިގެން މެންބަރު ސިރުހާން ވަނީ ދާއިރާގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި އަމިއްލަ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ.
މި ޚިދުމަތް ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ގާއިމުވެގެން ދިޔުމަކީ އެ ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ރަށުގައި ތިބެގެން ސްކޭނިންގގެ ޚިދުމަތް ލިބިގެންދާނެ މުހިންމު ފިޔަވަޅެކެވެ.