ޚަބަރު
ވިތްހޯލްޑިންގ ޓެކްސް ބޮޑުކުރަން ހުށައެޅި އިސްލާޙް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް
ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތްހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
"އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު" އަށް މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. މި ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 64 މެންބަރަކު ވޯޓު ދެއްވި އިރު، ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެހެންކަމުން މި ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ. މި ބަދަލާއެކު، ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާ ދައްކާނަމަ، ވިތްހޯލްޑިން ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރުމަށް ވަނީ ހުށަހަޅާފައެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޭރު ކޮންޓްރެކްޓަރުންގެ އަތުން އުނިކުރަނީ ފަސް އިންސައްތައެވެ.
މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ނެގުނު ވިތްހޯލްޑިން ޓެކްސްގެ އަދަދަކީ، އެ އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެއެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
މި އިސްލާހު ގެނައުމުން ދައުލަތަށް ލިބޭނެ އާމްދަނީ އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން މި ބަދަލާއެކު އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވިތްހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަމުން އަންނަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ.