ޚަބަރު
ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ޕްލާސްޓިކް ކޮތަޅު
ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނައުމަށް އެކުލަވާލި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ. ކުނި މެނޭޖުކުރުމުގެ ޤާނޫނަށް މި އިޞްލާޙު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރުމުގެ ކުރިން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށްފައިވާއިރު، މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު 65 މެންބަރުންގެ ވޯޓާއެކުގައެވެ.
މި ބިލުގައި ހިމަނާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ނަގަމުން އައި ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް ހިމަނާފައިވާ މާއްދާއެވެ. މީގެކުރިން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީ ނެގުން އިސްތިސްނާ ވަނީ ވަރަށް މަދު ޚާއްޞަ ހާލަތްތަކެއްގައެވެ. ނަމަވެސް، މި ގެނެވުނު އިސްލާޙުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިތަކެއް ލިބިގެންދިޔަ ނަމަވެސް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް ލިބެމުންދިޔަ އާމްދަނީއަށް ދަށްވުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ވެސް ތިމާވެއްޓާއި ކުނި މެނޭޖުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް މުހިންމު ކަންތައްތަކެއް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ހަރުދަނާ ސިޔާސަތުތައް އެކުލަވާލުމާއި، ކުނި މެނޭޖްކުރުމުގައި ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ކުނި މެނޭޖްކުރުމުގެ ޕްލޭންތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު، ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ފަރުމާކުރުމާއި ޤާއިމްކުރުމުގެ މިންގަނޑުތައް އެކަށައެޅުމާއި، ކުނި މެނޭޖްކުރާ މަރުކަޒުތައް ހިންގުމާ ގުޅޭ އުސޫލުތަކަށް ބަދަލު ގެނައުންވެސް މި ބިލުގައި ހިމެނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ ވަސީލަތްތަކާއި އާލާތްތައް ހުންނަންޖެހޭ ފެންވަރާއި މިންގަނޑުތައް ވެސް މި ޤާނޫނުގެ ދަށުން ބަޔާންކުރެވިގެންދާނެއެވެ.