ޚަބަރު
ރަޝިއާގެ އިތުރު އެއާލައިންތައް ރާއްޖެ ގެނައުމުގެ މަޝްވަރާއެއް ކުރިއަށްގެންގޮސްފި
މި މަޝްވަރާތަކުގެ ތެރެއިން. ފޮޓޯ: ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
ރަޝިއާއިން ރާއްޖެއަށް އިތުރު އެއާލައިންތައް ގެނައުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވަފުދެއް ރަޝިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ 17 އޮގަސްޓް 2026 ގައި ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް، ދިމިތުރީ ޒްވެރޭވްއާ ވަނީ މޮސްކޯގައި ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމަށް، ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ މި ދަތުރަކީ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ވަފުދުގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވިއަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ހިމެނެއެވެ.
Minister of Tourism and Civil Aviation H.E. Mohamed Ameen met the State Secretary and Deputy Minister of Transport of the Russian Federation, Mr.Dmitry Zverev, in Moscow today. Discussions focused on air connectivity and both sides agreed on operating additional carriers to… pic.twitter.com/MoXZuNf5yN
— Ministry of Tourism and Civil Aviation (@MoTmv) August 17, 2026
މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގެ އިސް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ޖަމިއްޔާތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް މި ދަތުރުގެ ތެރެއިން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ބައްދަލުވުންތަކަކީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ ހައި ސީޒަނާއި 'ވިޒިޓް މޯލްޑިވްސް އިޔަރ 2027' އަށް ތައްޔާރުވުމުގެ ގޮތުން، މާކެޓުގެ މަޢުލޫމާތު އެއްކޮށް، ދެ ގައުމުން ގުޅިގެން އިޝްތިހާރުކުރުމުގެ ފުރުސަތުތައް ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.