ޚަބަރު
މެޑަމް ސާޖިދާ، "ތެވެލި" ބައިނަލްއަޤްވާމީ މަހާސިންތާ އިފްތިތާޙުކޮށްދެއްވައިފި
މެޑަމް ސާޖިދާ، "ތެވެލި" ބައިނަލްއަޤްވާމީ މަހާސިންތާ އިފްތިތާޙުކޮށްދެއްވުން - ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަހާސިންތާ އިފްތިތާޙުކޮށްދެއްވާފައިވަނީ އެމްއެންޔޫގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި މަހާސިންތާގެ މިއަހަރުގެ ޝިއާރަކީ "ޓްރާންސްޕޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ.
މިމަހުގެ 17 އިން 19 އަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދިރާސާ ކަރުދާސް ހުށަހެޅިގެންދާ ފަހަރެވެ. އެގޮތުން، ދުނިޔޭގެ 25 ޤައުމަކުން ޖުމްލަ 330 ދިރާސާ ކަރުދާސް މިފަހަރު ވަނީ ހުށަހަޅާފައެވެ.
މި ކޮންފަރެންސްގައި ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އައު އީޖާދުތަކާއި ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސައިންސާއި ސިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، އަދި އިޤްތިޞާދާއި ދުނިޔޭގެ ސުލްޙަމަސަލަސްކަމާ ގުޅޭ ދާއިރާތައް ހިމެނެއެވެ. މި ސެޝަންތަކުގައި ރާއްޖެއާއި ބޭރުގެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދިރާސާވެރިންގެ އިތުރުން އެކި ކުންފުނިތަކުގެ ޢިލްމީ ހޯދުންތައް ހުށަހަޅާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށް ވީނަމަވެސް، މިފަދަ މަހާސިންތާތަކުގެ ޒަރީއާއިން އުފައްދާ ޢިލްމާއި ދިރާސާތަކުގެ ފައިދާ ރާއްޖޭގެ އިމުން ބޭރަށް، މުޅި ދުނިޔެއަށް ފޯރާނެ ކަމަށެވެ. އަދި މިއީ ދަރިވަރުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކާއި ސިޔާސަތުތަކަކީ ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ހެދުމެވެ. މި ކޮންފަރެންސްގެ ހަވާސާގައި އިއްޔެ ވަނީ ޑިގްރީ ދަރިވަރުންގެ ރިސާޗް ސިމްޕޯސިއަމްއެއް ބާއްވާފައެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު "ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕް" ތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.