ޚަބަރު
އާބާތުރަފިލުވުމަށްފަހު އުތީމު ގަނޑުވަރު އަލުން އާއްމުންނަށް ހުޅުވާލައިފި
އުތީމު ގަނޑުވަރު---
އާބާތުރަފިލުވުމަށްފަހު، އުތީމު ގަނޑުވަރު މިއަދު އަލުން އާއްމުންނަށް ޒިޔާރާތްކުރެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
އެ މަރުކަޒުން ވިދާޅުވީ، ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން، އުތީމު ގަނޑުވަރު އާބާތުރަފިލުވުމުގެ މަސައްކަތްތައް ނިންމުމަށްފަހު 18 އޮގަސްޓް 2026 ވަނަ ދުވަހު އެ ތަން ވަނީ އާއްމުނަށް ހުޅުވާލާފައި ކަމަށެވެ.
އަދި އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވާ، ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ކަމަށް އެ މަޒުކާޒުން ވިދާޅުވެއެވެ. އަދި ގަނޑުވަރަށް ވަނުމަށް ޓަކައި ދޫކުރާ ޓިކެޓު ވިއްކާނީ، ހެނދުނު 8:15 އިން، މެންދުރުފަހު 13:30 އަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޤައުމީ ދުވަހަށް ތައްޔާރުވުމަށް ޓަކައި، އުތީމު ގަނޑުވަރު ބަންދުކޮށްފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.
އުތީމު ގަނޑުވަރަކީ އުތީމު ބޮޑުތަކުރުފާނުގެ ބައްޕަ، ހުސައިން ހަތީބު ތަކުރުފާނުގެ ގެއެވެ. މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ ދުވަސްވީ ގެ ކަމަށްވާއިރު، މި އިމާރާތަށް ގާތްގަނޑަކަށް 500 އަށްވުރެ ގިނަ އަހަރު ވެދާނެ ކަމަށް ބެލެވެއެވެ. މިއީ ބޮޑުތަކުރުފާނުގެ ޒިކުރާއާ ގުޅިފައިވާ މުހިންމު ގައުމީ ތަރިކައެކެވެ.
ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުގައިވާ ތާރީޚީ ތަންތަނުގެ ތެރެއިން އުތީމު ގަނޑުވަރަކީ، އެ ޑިޕާޓްމަންޓުގެ އިތުރުން އުތީމު ކައުންސިލާއި އެ ރަށުގެ އާންމު ރައްޔިތުން ވެސް ވަރަށް ބޮޑު އިސްކަމެއްދީގެން، ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދާ މުހިންމު ބިނާއެކެވެ.
މި ތާރީޚީ ބިނާ ބެލެހެއްޓުމުގައި އުތީމު ރައްޔިތުން އަދާކުރާ ދައުރު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު އެ ރަށު ރައްޔިތުންނަށް ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އަރުވާފައެވެ.
ގައުމީ ދުވަހުގެ މުނާސަބަތަށް ބަންދުކުރުމަށްފަހު، 18 އޮގަސްޓު 2026 (އަންގާރަ) ދުވަހުން ފެށިގެން އުތީމު ގަނޑުވަރު އާންމުންނަށް އަލުން ހުޅުވާލެވޭނެއެވެ. pic.twitter.com/u1kXDuOQPV
— National Centre for Cultural Heritage (@HeritageMv) August 17, 2026