Ads by Farudhun

ޚަބަރު

ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ވިޔަފާރި ފަށަން 600 މިލިއަންގެ ފަންޑެއް!

ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ވިޔަފާރި ފަށަން 600 މިލިއަންގެ ފަންޑެއް!

އެސްއެމްއީ ޑިޖިޓަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 އޯގަސްޓު 2026، 01:29

18 އޯގަސްޓު 2026، 01:29

ސަރުކާރު ހިއްސާވާ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އަމިއްލަ ވިޔަފާރި ފެށުމަށް އެހީތެރިވުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް ޤާއިމުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވަނީ އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް މަގުފަހިކޮށްދިނުމަށްފަހު ކަމަށެވެ. އެގޮތުން، ދައުލަތުގެ ކުންފުނިތައް މާލީގޮތުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގައި ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް އެހީތެރިވުމަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތުން "ކުމެވި" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްގައި 600 މިލިއަން ރުފިޔާގެ ފަންޑެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށާއި، މި ފަންޑަކީ ވަޒީފާއިން ވަކިވާ އަދި ވަކިކުރާ މުވައްޒަފުން އަލަށް ވިޔަފާރި ފަށަން ހުޅުވާލެވޭ ރަނގަޅު ފުރުޞަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން މި ފަންޑަކީ އެސްއެމްއީ ޑިޖިޓަލްގައި މިހާރުވެސް ލިބެންހުރި ފައިސާ ކަމަށް މާލީ ވަޒީރު ހާމަކުރެއްވިއެވެ.

600 މިލިއަން ރުފިޔާގެ ފަންޑެއް ޤާއިމްކުރެވިފައިވާ ވާހަކަ އަޅުގަނޑު ދެންނެވީ އެއީ ކުދި ވިޔަފާރިތަކަށް އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް. އެހެންވީމާ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު އަމިއްލަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވާނަމަ އެކަމަށް ޕްރޮޕޯސަލް ހުށަހެޅީމާ [ލިބޭ ގޮތަށް] އަޅުގަނޑުމެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފެސިލިޓީ މި ތައާރަފްކުރީ.

ޒަރީރު 

ވަޒީރު އިތުރަށް ވިދާޅުވީ، އެ ފަންޑަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައި ފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ލޯނު ހޯދުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) މެދުވެރިކޮށް ތައްޔާރުކޮށްދިނުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އަދި ހިންގުމުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި އެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ މުހިންމު ބައެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި މި ސިޔާސަތުގެ ސަބަބުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަޒީފާތަކަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް އައިސް، އަމިއްލަ ވިޔަފާރިތައް އުފައްދައިގެން އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450