ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީސް ކުރާ ގެ ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު، މި ހިނގާ އޯގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅުއްވި ސަބަބު ހާމަކުރައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ދައުރު އިތުރުކުރަން ނިންމެވީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނާއި، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައިވެސް ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން، އެ މަސައްކަތްތައް ނިންމުމުގެ ބޭނުމުގައި ކަމަށެވެ. މި ހުށަހެޅުން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ 3 ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15 ގެ ނިޔަލަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. އަދި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައިވަނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ތާވަލަށް ބަލާއިރު މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޮނިހިރު ދުވަހަށް ނިންމަންޖެހެއެވެ. ނަމަވެސް މަސައްކަތްތައް ނުނިމޭތީ، މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު ދިގުދަންމާލަން މިދިޔަ ހަފުތާގައި ފުރަތަމަ ފަހަރަށް ފާސްކުރިއެވެ. އަދި މިއަދު ދެވަނަ ފަހަރަށް ގެނައި ބަދަލާއެކު މި މުއްދަތު މިހާރު ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ދައުރެއްގެ މުއްދަތު ހަމަވި ނަމަވެސް އެ ދައުރެއްގެ ތެރޭގައި މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރެއްޖެނަމަ، މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެން ދައުރުގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު މަޖިލީހަށް ލިބިގެންވެއެވެ.