Ads by Farudhun

ޚަބަރު

ސައުދީން އުފައްދާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

ސައުދީން އުފައްދާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޯގަސްޓު 2026، 08:09

18 އޯގަސްޓު 2026، 08:09

ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން، ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާފައިވާ ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި، ރާއްޖެއިން އެ ކޯލިޝަނުގައި ބައިވެރިވާން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ހަ މެމްބަރަކު ވޯޓު ދެއްވި އިރު، ބައިވެރިވާން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ސައުދީ އަރަބިއްޔާ އިސްވެ އިތުރު 13 ގައުމަކާ އެކު އެކުލަވާލާފައިވާ މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ބައިނަލްއަގުވާމީ ވިޔަފާރިއާއި، ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރިކުރުމެވެ. މި ކޯލިޝަންގެ ދާއިމީ ހެޑްކުއާޓަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސައުދީ އަރަބިއްޔާއެވެ.

އިއްތިހާދުގެ ގައުމުތަކުން ހާމަކޮށްފައިވާ ގޮތުގައި، ކޯލިޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެކެވެ. އަދި މި ހަރަކާތްތައް ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ދައުލަތްތަކުގެ ސިޔާދަތަށް ފުރިހަމައަށް އިހުތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށެވެ.

ސައުދީގެ އިތުރުން މި އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450