Ads by Farudhun

ޚަބަރު

ވެމްކޯގެ ޚިދުމަތްތަކަށް ޚާއްޞަކޮށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

ވެމްކޯގެ ޚިދުމަތްތަކަށް ޚާއްޞަކޮށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

ވެމްކޯއިން މޯބައިލް އެޕްލިކޭޝަން ތައާރަފްކުރުން---

farudhun logo

ފަރުދުން

18 އޯގަސްޓު 2026، 08:09

18 އޯގަސްޓު 2026، 08:09

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތްތައް ޢާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އެ ކުންފުނީގެ ޚާއްޞަ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަން ތަޢާރަފްކުރުމާއެކު، ވެމްކޯގެ ކުނި ނެގުމާ ގުޅޭ އެންމެހާ އިދާރީ ޚިދުމަތްތައް އެއްތަނަކުން ޑިޖިޓަލްކޮށް ލިބިގެންދާނެއެވެ. އެގޮތުން، ކުނި ނެގުމުގެ ޚިދުމަތަށް އަލަށް ރަޖިސްޓްރީވުމާއި، ބޮޑެތި ކުންޏާއި ވަކިވަކިން އުކާލަންޖެހޭ ކުނި އުކާލުމުގެ އިންތިޒާމުތައް ހަމަޖެއްސުން މިހާރު މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.

މީގެއިތުރުން، ޚިދުމަތްތަކާ ގުޅޭގޮތުން ހުންނަ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތާއި، މަޢުލޫމާތު ސާފުކުރުމަށްޓަކައި ވެމްކޯގެ ކަސްޓަމަރ ސަރވިސް އެޖެންޓުންނާ ވަގުތުން ޗެޓްކުރުމުގެ ޚިދުމަތްވެސް އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. އަދި ރަޖިސްޓްރީކުރާ މައްސަލަތަކާއި، އެ މައްސަލަތައް ކުރިއަށް ގޮސްފައިވާ ހިސާބު (ސްޓޭޓަސް) އަދި ކުންފުންޏާއެކު ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފްސީލުވެސް އެޕުން ފެންނަން ހުންނާނެއެވެ.

މި އެޕްލިކޭޝަނާއެކު ވެމްކޯގެ ބިލުތަކަށް ފައިސާ ދެއްކުމުގެ ކަންކަމަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން ކަރަންޓު ބިލުގެ ތަފްސީލާއި، ކުރީގެ ބިލުތަކުގެ މަޢުލޫމާތު ބަލައިލުމުގެ އިތުރުން، އެޕްގެ ތެރެއިން ފަސޭހަކަމާއެކު އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

"ވެމްކޯ" އެޕްލިކޭޝަން މިހާރު އެޕަލްގެ 'އެޕް ސްޓޯރ' އަދި އެންޑްރޮއިޑްގެ 'ގޫގުލް ޕްލޭ ސްޓޯރ' އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. މި އެޕްލިކޭޝަން ބޭނުންކުރެވޭނީ ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް ކަމަށްވާ "އީފާސް" މެދުވެރިކޮށް ލޮގިން ވެގެންނެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައިވެސް ކުނި މެނޭޖްކުރުމުގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަނީ ވެމްކޯއިންނެވެ. މީގެއިތުރުން، ރާއްޖޭގެ އާބާދީ ބޮޑެތި ގިނަ ރަށްތަކަށްވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. އެހެންކަމުން މިއަދު ތަޢާރަފްކުރެވުނު މޯބައިލް އެޕްލިކޭޝަނަކީ ވެމްކޯގެ ޚިދުމަތް ހޯދާ އެތައް ހާސް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450