ޚަބަރު
ސްޓެލްކޯއިން "އެޗް.އާރް އިންސައިޓް"ގެ ނަމުގައި ޚާއްޞަ ފޯރަމެއް ބާއްވައިފި
"އެޗް.އާރް އިންސައިޓް"ގެ ނަމުގައި ބޭއްވި ފޯރަމް / ފޮޓޯ: ސްޓެލްކޯ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އެ ދާއިރާގެ ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަޤްޞަދުގައި ސްޓެލްކޯއިން އިސްނަގައިގެން "އެޗް.އާރް އިންސައިޓް"ގެ ނަމުގައި ޚާއްޞަ ފޯރަމެއް ބާއްވައިފިއެވެ.
މި ފޯރަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ކ. ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރުއެވެ.
މި ފޯރަމް އިފްތިތާޙު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ޕީސީބީގެ ރައީސް ވިދާޅުވީ މި ފޯރަމުން ފާހަގަވެގެންދާ އެންމެ މުހިންމު އެއް ކަމަކީ އެއް ކުންފުނީގެ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް އެހެން ކުންފުނިތަކާ ހިއްސާކުރެވިގެންދިއުން ކަމަށެވެ. އަދި އޭގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށާއި، ޕީސީބީގެ ރައީސެއްގެ ހައިސިއްޔަތުން ދެކެން ބޭނުންވާ މަންޒަރަކީ އެއީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުމާއި، ކުރިއެރުމާއި، އަދި ނަތީޖާ ނެރުމުގެ ޙަޤީޤަތަށް ބަލާއިރު، ކުންފުންޏެއްގެ އެންމެ އަގުހުރި ރައުސްމާލަކީ އެ ތަނެއްގެ ބެލެންސް ޝީޓުން ސީދާ ފެންނަން އޮންނަ މާލީ އެސެޓްތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ އެ ތަނެއްގެ މައިދޮރުން ކޮންމެ ދުވަހަކު ވަދެނިކުމެވާ ހީވާގި މުވައްޒަފުން ކަމަށާއި، ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދީ، ކުންފުނީގެ އަގު އުފުލައިދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރުވެރިކަމުން ކަމަށް އަޒުވަރު ފާހަގަކުރެއްވިއެވެ.
މި ވޯކްޝޮޕްގެ ތެރެއިން މުހިންމު ބައެއް ކަންކަމަށް އަލިއަޅުވާލެވިދާނެ. ފުރަތަމަ ކަމަކީ، މުވައްޒަފުންނާ މެދު އަޅުގަނޑުމެން ދެކޭގޮތް. އެގޮތުން، ހަމައެކަނި އެ ބޭފުޅުންގެ ވަޒީފާގެ މަޤާމާއި ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، މުވައްޒަފުންގެ ބޭނުންތައް ފުރިހަމައަށް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް. މުވައްޒަފުން ހޯދުމާއި ވަޒީފާގައި ދެމެހެއްޓުމަށް (ރިޓެންޝަން) ކުރެވޭ މަސައްކަތްތަކުގައި، މުވައްޒަފުންގެ އިޙްސާސްތަކާއި ބޭނުންތައް ދެނެގަތުމަކީ އެޗް.އާރް ދާއިރާއިން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް.
ޑރ. އަޒުވަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަދި މުވައްޒަފުން ބިނާކުރަންވާނީ ހަމައެކަނި މިއަދުގެ ބޭނުންތަކަށް ނުވަތަ މިހާރު ހުރި ހުނަރުތަކަށް އެކަންޏެއް ނޫންކަމަށާއި، އޭގެ ބަދަލުގައި ބަދަލުވަމުން އަންނަ މާޙައުލާ އެއްގޮތަށް މުސްތަޤްބަލުގައި ބޭނުންވާނެ ހުނަރުތަކާއި ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ވެސް ޑރ. އަޒުވަރު ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ސްޓެލްކޯ
މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމާއި، ކުންފުނިތަކަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް އެކަށައަޅުއްވާ ސިޔާސަތުތަކާއި ނިންމަވާ ހަރުދަނާ އަދި އުނދަގޫ ނިންމެވުންތަކަށްޓަކައި، ޑރ. އަޒުވަރު ވަނީ އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.