ޚަބަރު
އިސްލާމީ ކަންތައްތަކަށް އެއްބާރުލުން ހޯދުމަށް ސައުދީއާއެކު މަޝްވަރާކޮށްފި
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރާއި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އެއްބާރުލުން ހޯދުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ސަޢުދީ ޢަރަބިއްޔާއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
މީގެއިތުރުން، ސަޢުދީ ޢަރަބިއްޔާ ސަރުކާރުން އަބަދުވެސް ދިވެހިރާއްޖެއަށް ބަހައްޓަވާ ޚާއްޞަ ގާތްކަމާއި، ޚާއްޞަކޮށް އިސްލާމީ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ވަޒީރު ޝަހީމް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ސަޢުދީގެ ގުޅުން ބަދަހިކުރުމަށް ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށްޓަކައި ވެސް ވަޒީރު ވަނީ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް އުފުލި، އެކި ދާއިރާތަކުން ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ. މި ގޮތުން ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ސަރުކާރުން ވަނީ ގިނަގުނަ ލުއިފަސޭހަ އިންތިޒާމުތަކެއް ވެސް ހަމަޖައްސަވައިދެއްވާފައެވެ.