ޚަބަރު
މަޝްހޫރު ޒުވާން ޢިލްމުވެރިޔާ އައްޝައިޚް އަބޫ ތައިމިއްޔާ ރާއްޖޭގައި ދަރުސް ދެއްވަނީ
އައްޝައިޚް އަބޫ ތައިމިއްޔާ
ހުލާސާ
މަހަލްދީބް ފައުންޑޭޝަނުން މާލެ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ދީނީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ޔޫކޭގައި ދިރިއުޅުއްވާ މަޝްހޫރު ޒުވާން ޢިލްމުވެރިޔާ އައްޝައިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ނުވަ ދުވަހުގެ މި ދަތުރުފުޅުގައި ޝެއިޚް ރާއްޖެ ވަޑައިގަންނަވާނީ ބުދަދުވަހުއެވެ.
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން "އެންލައިޓްން" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ހަރަކާތްތައް ތިން ސިޓީއެއްގައި ކުރިއަށްދާނެއެވެ. އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، ޒުވާނުންގެ ހިތްތަކުގައި ޚާއްޞަ ޤަދަރަކާއި ޝައުޤުވެރިކަމެއް ހޯއްދަވާފައިވާ ޝެއިޚް އަބޫ ތައިމިއްޔާގެ ދީނީ އަދި ތަޢުލީމީ މި ޙަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޒުވާނުންނާއި ފުރާވަރު ޢުމުރުފުރައިގެ ކުދިންނަށެވެ.
ޝެއިޚްގެ ދަތުރުފުޅުގެ ޕްރޮގްރާމްތައް ފެށޭނީ މާލެއިންނެވެ. އޭގެފަހުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ޕްރޮގްރާމްތައް ކުރިއަށް ދާނެއެވެ. މި ދަތުރުފުޅުގެ ތެރޭގައި އެކި ބައްދަލުވުންތަކާއި، ޒުވާނުންނަށް ޚާއްޞަ ޑިނަރ އަދި ކޮފީ ބައްދަލުވުންތަކުގެ އިތުރުން ޔުނިވަރސިޓީ އަދި ސްކޫލް ދަރިވަރުންނަށް ތަފާތު ޕްރޮގްރާމްތައް ވަނީ ރޭވިފައެވެ. މީގެއިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ ސެޝަންތަކާއި، ޢާންމު ދަރުސްތަކާއި، ހުކުރު ޚުޠުބާ ދެއްވުމާއި، ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކާއި، އަންހެނުންނަށް ޚާއްޞަ ސެޝަންތަކާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންގތަކުގެ އިތުރުން ދިވެހި ޢިލްމުވެރިންނާއެކު ބާއްވާ ޚާއްޞަ ބައްދަލުވުންތައް ވެސް ކުރިއަށްދާނެއެވެ.
ޝެއިޚް އަބޫ ތައިމިއްޔާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅުގައި އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ޢާންމު ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެފަހުން އޮގަސްޓު 25 ގައި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެ އެވެ. ފުވައްމުލަކުގައި ވެސް ސްކޫލް ސެޝަނަކާއި، ޒުވާނުންނާއެކު ބާއްވާ ބައްދަލުވުމެއްގެ އިތުރުން ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އިތުރު ޢާންމު ދަރުސެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.