ޚަބަރު
ކުޅިވަރުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އިފްތިތާޙުކޮށްފި
މި ދިރާސާ ރިޕޯޓު އިފްތިތާހުކުރުމުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއިބެހޭ ވުޒާރާ.
ކުޅިވަރުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް، ޒުވާނުން ބާރުވެރި ކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ދިރާސަ ރިޕޯޓު އިފްތިތާހުކޮށްފައި ވަނީ 18 އޮގަސްޓް 22026 ގައި ޔޫތު ހަބުގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ކުޅިވަރުގެ ދާއިރާގައި ހިނގާ ނޭދެވޭ ޢަމަލުތަކާއި ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ ޤާނޫނީ އިދާރާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަޒީރު ވަނީ، ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ގޮތުން އެ ކޮމިޝަނާއި ގުޅިގެން 2024 ވަނަ އަހަރު ފަށާފައިވާ "ޕަޗަސް" ކެމްޕެއިން ފާހަގަކުރައްވާފައެވެ.
އަދި ވަޒީރު ވަނީ، ކުޅިވަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް ވަރަށް ގާތުން ބަލައި، އޮޑިޓްކުރުމުގެ ނިޒާމު ވަނީ މިހާރު އިތުރަށް ހަރުދަނާކޮށްފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މާލީ ކަންތައްތައް ދެފުށް ފެންނަ ގޮތަކަށް ބެހެއްޓުމުގެ ގޮތުން ހަރުދަނާ މާލީ އުސޫލުތަކަކާއި ގައިޑްލައިންތަކެއް ތައާރަފުކޮށް، އެކަންކަމަށް އަމަލުކުރަން މިހާރު ލާޒިމުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާ އެއްގޮތަށް އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުތައް އިސްލާހުކޮށްފައިވާ ކަމަށާއި، ކުޅިވަރާ ބެހޭ ޤާނޫނަށްވެސް މުހިންމު ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހެލްތް އިންޝުއަރެންސް ހަމަޖައްސައިދެވިފައިވާ ކަމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ބާއްވާ ތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ ޞިއްޙީ ޝަރުޠުތައް މިހާރު ތަންފީޒުކުރަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ކުޅިވަރުގެ ދާއިރާގައި ދެ ޖިންސުގެ ހަމަހަމަކަން ޤާނޫނީ ގޮތުން ކަށަވަރުކޮށްދީފައިވާނެ ކަމަށާއި، ޑޯޕިންގ މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ ކޯޑާ (World Anti-Doping Code) އެއްގޮތަށް މިއަހަރު ޢަމަލުކުރަން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުޅިވަރު އިދާރާތަކުގެ އިސްވެރިންނާއި ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން، ހިންގުން ހަރުދަނާކުރުމަށާއި މާލީ ކަންކަން ބެލެހެއްޓުމުގެ ހުނަރު އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ސިލްސިލާކޮށް ކުރިއަށްގެންދަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ލަނޑުދަނޑިއަކީ ޒުވާނުންނަށް ސާފު، ދެފުށް ފެންނަ އަދި އިތުބާރު ހިފޭ ކުޅިވަރު މާޙައުލެއް ބިނާކޮށްދިނުން ކަމަށެވެ. އަދި ދިވެހި ކުޅިވަރުގެ ކުރިއެރުމަށް ޓަކައި އެއްވެސް ޖެހިލުމެއްނެތި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމަށާއި، އުންމީދަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާނަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ، ސާފު އަދި އިތުބާރު އޮތް ތަނަކަށް ހެދުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.