ޚަބަރު
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގައި ގަސް އިންދައިފި
މި ހަރަކާތުގެ ތެރެއިން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، ބ. އޭދަފުށީގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
18 އޮގަސްޓް 2026 ގައި އެ ރަށުގައި މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް އެ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ވަޒީރު ވަނީ މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ގަސް އިންދަވާފައެވެ. ވަޒީރުގެ އިތުރުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ޒުވާނުން ވެސް ވަނީ، މި ހަރަކާތުގައި ބައިވެރިވެފައެވެ.
މި ހަރަކާތް އޭދަފުށީގައި ބާއްވާފައިވަނީ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ފެހިކަން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ރަށްތައް ހިމާޔަތްކުރުމުގެ މަގްސަދުގައި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިއަދު ބ. އޭދަފުށީގައި ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން، މި ހަރަކާތުގައި ވަޒީރު އަލްފާޟިލް ޢަލީ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. pic.twitter.com/OZ3rQcKPOA
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 18, 2026
އޭދަފުށީގައި އިންދި ގަސްތަކުގެ ތެރޭގައި ރަށުގެ ވެއްޓާ ގުޅޭ ތަފާތު އެކި ބާވަތްތަކުގެ ގަސްތައް ހިމެނޭ ކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ޕްރޮގްރާމެކެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަކީ ރާއްޖޭގައި ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ޤުދުރަތުގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ ހާއްސަ މަސައްކަތެކެވެ. މި މަސައްކަތް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިފްތިތާހުކުރެވުމަށްފަހު މިހާރު ވަނި، 1.6 މިލިއަނަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދާފައެވެ.