ޚަބަރު
ކުރިނބީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ބާރަށް ކުރިއަށް
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ.
ހދ. ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، އެ ސަރަހައްދު ކޮނުމުގެ މަސައްކަތާއި، ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް އެމްޓީސީސީއާ މަޝްރޫއު ހަވާލުކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރިއަށް 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
Project Update: Upgrading of Hdh. Kurinbi Health Center
— MTCC Plc (@MTCCPlc) August 19, 2026
We have completed excavation and lean concrete works.
Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/TePi8FPYD1
ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލެބޯޓްރީއާއި، ވޯޑާއި، ޕްރޮސީޖަރ ރޫމާއި، ނާސިން ސްޓޭޝަނާއި، ގަރާޖަކާއި، ސްޓޯރޭޖް އޭރިއާއެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން 4,600 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި، މޭ ޝަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތްތަކާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ކުރުމަށް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ.
އަދި ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމުގެ އިތުރުން އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 12.53 މިލިޔަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމު މަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސިއްހީ މަރުކަޒުތަކުން ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޖާގަ ކުޑަވުމުގެ ސަބަބުން ދަތިތައް ހުރި ރަށްރަށުގައި ޒަމާނީ އައު އިމާރާތްތައް އެޅުމަކީ މި ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަންކަމެވެ.