Ads by Farudhun

ޚަބަރު

މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް އެއް މަސް ތެރޭގައި ބިން ހުސްކުރަނީ

މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް އެއް މަސް ތެރޭގައި ބިން ހުސްކުރަނީ

ރާއްޖޭ ލޯކަލް މާރުކޭޓް ފޮޓޯ: ފޭސްބުކް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޯގަސްޓު 2026، 11:16

19 އޯގަސްޓު 2026، 11:16

މާލޭގައި އެޅުމަށް ހަމަޖެހިފައިވާ އައު މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި ތިބި ފަރާތްތަކަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި އެއް މަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާރުކޭޓް ކޮމްޕްލެކްސްގެ މަޝްރޫޢަކީ މިވަގުތު މާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ. ވެރިރަށް މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި، މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި މި ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ މާރިޗު މަހު ވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކުރިތާ 5 މަސް ދުވަސް ވެގެންދިޔައިރުވެސް ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން މިހާތަނަށް ޙަވާލުނުކޮށް އޮތުމުން ކަމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ހާމަކުރެއެވެ.

މި މަސައްކަތް ފެށުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ވިޔަފާރިވެރިންނަށް ދަތިނުވާނެހެން ވަގުތީ މާރުކޭޓެއް ހަދައި، އެއް މަސް ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަގުތީ މާރުކޭޓް އެޅުމަށްޓަކައި ކުރީގެ އެސްޓީއޯ ހުރި ސަރަޙައްދާއި ތައިސޭކޮށި ބަލަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖުމުލަ 126.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އިމާރާތްކުރާ މި މާރުކޭޓް ކޮމްޕްލެކްސްއަކީ 6 ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ. މި އިމާރާތް ބިނާކުރަނީ 15،525 އަކަފޫޓުގެ ބިމެއްގައެވެ. އަދި ހުރިހާ ފަންގިފިލާތައް އެކުލެވޭހެން މުޅި އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ.

މި އައު އިމާރާތް ނިމުމުން މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓުގެ ޚިދުމަތްތައް އެއްތަނަކުން ލިބިގެންދާނެއެވެ. އެގޮތުން މި ކޮމްޕްލެކްސްގައި ޖުމުލަ 455 ގޮޅި ޤާއިމުކޮށް ވިޔަފާރިވެރިންނަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އިމާރާތުގެ ބޭސްމަންޓުގައި 400 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހަދާއިރު، އެންމެ މަތީ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ކެފޭ އަދި ރެސްޓޯރަންޓްތައް ހިމެނޭ ފުޑް ކޯޓަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޢަމާޒަކީ މި މަޝްރޫޢުގެ މަސައްކަތް 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ޢާންމުންނަށް ޚިދުމަތް ދޭން ފެށުމެވެ.

މާލޭގެ ބާޒާރުމަތި އެއް އުޞޫލަކުން ތަރުތީބުކޮށް، އެ ސަރަޙައްދަކީ ޚިދުމަތް ހޯދަންދާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށްވެސް ފަސޭހަ، ހިތްފަސޭހަ މާޙައުލަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ބަނދަރުގެ ސަރަޙައްދަށްވެސް ބޮޑެތި، ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450