Ads by Farudhun

ޚަބަރު

ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް ނިންމައިފި

ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް ނިންމައިފި

މާފުށީ ޖަލު ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޯގަސްޓު 2026، 12:14

19 އޯގަސްޓު 2026، 12:14

އެކި މައްސަލަތަކުގައި ތަޙުޤީޤަށާއި ޝަރީޢަތް ނިމެންދެން ހުކުމެއް ނެތި ބަންދުގައި މީހުން ބޭތިއްބުން ނުވަތަ "ވާނުވާ" ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ސަރުކާރުގެ އެކި މަސައްކަތްތަކާއި ޤައުމުގައި ހުރި އިޖުތިމާޢީ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. އެގޮތުން، ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބެންޖެހޭ މީހުން ގިނަވުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާތީ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެފަދަ ބަންދުތަކުގައި ތިބޭ މީހުން އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒުގައި ނިންމެވި ނިންމެވުމެކެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކުން ޝަރުޢީ ދާއިރާއަށް ފޯރުވަމުން ދިޔަ ނުފޫޒުތައް ހުއްޓުވައި، ޝަރުޢީ ދާއިރާއަށް ވަކި މިނިވަން ބަޖެޓެއް ކަނޑައަޅުއްވައިދެއްވިއެވެ. މީގެއިތުރުން، ވާނުވާ ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލަތައް އަވަހަށް ވަކި ގޮތަކަށް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާތައް ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ޝަރީޢަތްތައް އަވަހަށް ކުރިއަށް ނުގޮސް ދިގުލައިގެންދާ މައިގަނޑު ސަބަބެއް ކަމަށްވާ ކޯޓުތަކުގެ، ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ހުޅުމާލޭގައި ޖަސްޓިސް ބިލްޑިންގގެ އެނެކްސްއެއް ޤާއިމުކޮށް، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އެތަނަށް ބަދަލުކޮށްދެއްވާފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވާ ގޮތުގައި މި ގެނެވުނު ބަދަލާއެކު، ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައި ނިންމާ މިންވަރު މިހާރު ވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ.

މި ނިންމެވުންތަކާއެކު ސަރުކާރުގެ އަމާޒަކީ، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ކޮންމެ މީހަކަށްވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަވަސް އަދި އިންސާފުވެރި ޝަރީޢަތެއް ލިބިދީ، ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450