Ads by Farudhun

ޚަބަރު

އެމްއެމްއޭގެ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއްކަމަށް ކަނޑައަޅަނީ

އެމްއެމްއޭގެ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއްކަމަށް ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޯގަސްޓު 2026، 01:30

19 އޯގަސްޓު 2026، 01:30

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެކަމަށް ބޮޑެތި ޢަދަބުތަކެއް ކަނޑައެޅުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާޙު ކުރުމަށް ހުށަހެޅި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން، ބިލު އަލުން ދިރާސާކުރުމަށްފަހު ކޮމިޓީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގައި މުދާ ވިއްކާ އަދި ޚިދުމަތް ދޭ ފަރާތްތަކުގެ އިތުރުން، އެހެނިހެން ދާއިރާތަކުން ވިޔަފާރިކޮށްގެން ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކަށެވެ. އަދި މި ފައިސާ ޖަމާކުރަންޖެހޭނީ އެމްއެމްއޭއިން ލައިސަންސް ދޫކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި، އެ އެކައުންޓުގެ މަޢުލޫމާތު އެމްއެމްއޭއާ ހިއްސާކުރަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ. މީގެއިތުރުން، ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން ކޮންމެ މީލާދީ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %20 ދިވެހި ރުފިޔާއަށް މާރުކުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.

މި ބިލު ދިރާސާކުރުމުގެ ތެރޭގައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ވަނީ މުހިންމު އިސްލާޙުތަކެއް ހުށަހަޅުއްވާފައެވެ. އެ އިސްލާޙުތަކުގައި ވާގޮތުން، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުރިހާ މުޢާމަލާތެއްވެސް ހިންގަންވާނީ އެމްއެމްއޭއިން ކަނޑައަޅައި، ޢާންމުކޮށްފައިވާ ރަސްމީ ރޭޓުތަކާއި ބޭންޑުތަކަށްވުރެ މަތިނުވާނޭ ގޮތުގެ މަތިންނެވެ. އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމާއި، ވިއްކަން މަސައްކަތް ކުރުމަކީވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެމްއެމްއޭގެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން އުޅެފިނަމަ، އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ މަތީ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުމަށް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ޑިޖިޓަލް ވަސީލަތްތަކާއި ޕްލެޓްފޯމުތައް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން ޢާންމުކޮށް އެނގޭނޭހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމަކީ އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. މިފަދަ ޢަމަލެއް ހިންގައިފި ފަރާތެއް 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި އެމްއެމްއޭގެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގައާއި އިސްތިހާރު ކުރުމުގެ ޢަމަލުގައި އެއްވެސް ޤާނޫނީ ޝަޚުޞެއް (ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް) ޝާމިލުވާނަމަ، އެ ފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ކޮމިޓީން ފާސްކުރި އިސްލާޙުގައި ވަނީ ހިމަނާފައެވެ.

މާލިއްޔަތު ކޮމިޓީން މި ބިލު ފާސްކުރުމާ ގުޅިގެން، ދެން މި ބިލު ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450