ޚަބަރު
އެޗްޑީސީގެ މާލީ ހާލަތު ރަނގަޅުވެ، ސާފު ފައިދާއަކާއެކު ބޮޑު ކުރިއެރުމެއް
އެޗްޑީސީ އިމާރާތް - ފޮޓޯ: ޕީއެސްއެމް
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، 2024 ވަނަ އަހަރު އެ ކޯޕަރޭޝަނުން މާލީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، ސާފު ފައިދާގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ އެޗްޑީސީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުން 137 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ސަލާމަތްކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު އިދާރީ ހަރަދުގެ ގޮތުގައި ހޭދަވި 848.2 މިލިއަން ރުފިޔާ، 2024 ވަނަ އަހަރު ވަނީ 16.2 އިންސައްތަ ދަށްކުރެވި، 710.8 މިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. މީގެއިތުރުން، ވިއްކި މުދަލާއި ހިދުމަތުގެ ހަރަދު (ކޮސްޓް އޮފް ސޭލްސް) ވެސް ވަނީ 2.71 ބިލިއަން ރުފިޔާއިން 2.51 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.
އެ ކުންފުނީގެ މާލީ ހިންގުން ހަރުދަނާވުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޮޕަރޭޓިން ކޭޝް ފްލޯއަށް އައި ހެޔޮ ބަދަލެވެ. އެގޮތުން 2023 ވަނަ އަހަރު އޮޕަރޭޓިން މަސައްކަތްތަކުން 825.2 މިލިއަން ރުފިޔާގެ ނެގެޓިވް ކޭޝް ފްލޯއެއް ރެކޯޑުކުރެވުނު ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 157.8 މިލިއަން ރުފިޔާގެ ޕޮޒިޓިވް ނެޓް ކޭޝް ފްލޯއަކަށް ބަދަލުކޮށް، ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން، 2023 ގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 6.53 ބިލިއަން ރުފިޔާގެ ބަދަލުގައި 2024 ވަނަ އަހަރު ލިބިފައިވަނީ 3.54 ބިލިއަން ރުފިޔާ ނަމަވެސް، ހަރަދުތައް ކޮންޓްރޯލް ކުރެވިފައިވުމާއެކު ކުންފުނިން ވަނީ ރެކޯޑު ފައިދާއެއް ނެރެފައެވެ. އެގޮތުން:
- ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ: 2.35 ބިލިއަން ރުފިޔާ
- ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ: 2.01 ބިލިއަން ރުފިޔާ
- ޖުމްލަ ފުރިހަމަ އާމްދަނީ (ޓޯޓަލް ކޮމްޕްރިހެންސިވް އިންކަމް): 2.01 ބިލިއަން ރުފިޔާ
- މި ފައިދާ ހޯދުމުގައި އެޗްޑީސީގެ އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގު އުފުލުމުން ލިބުނު 1.36 ބިލިއަން ރުފިޔާއާއި، އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 1.89 ބިލިއަން ރުފިޔާގެ އިތުރުން، އިންޓްރެސްޓް އާމްދަނީ 1.07 ބިލިއަނަށް އަރައި، ނެޓް ފައިނޭންސް އާމްދަނީގެ ގޮތުގައި ލިބުނު 323.9 މިލިއަން ރުފިޔާ މުހިންމު ދައުރެއް އަދާކުރިއެވެ.
ކުންފުނީގެ ދަރަނި ކުޑަކޮށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، 2024 ވަނަ އަހަރު ވަނީ 1.96 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާފައެވެ. މިއާއެކު އެ ކުންފުނީގެ ދިގު މުއްދަތުގެ ލޯނުތައް 8.26 ބިލިއަން ރުފިޔާއިން 7.48 ބިލިއަން ރުފިޔާއަށް ވަނީ ދަށްކުރެވިފައެވެ. އަދި ކުންފުނީގެ ޖުމްލަ ޒިންމާތައް (ލަޔަބިލިޓީސް) ވެސް ވަނީ 14.71 ބިލިއަނުން 14.09 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.
އަހަރު ނިމުނުއިރު އެޗްޑީސީގެ މާލީ ބާރުވެރިކަން ދައްކުވައިދޭ ޖުމްލަ އެސެޓްސްގެ އަގު ވަނީ 42.52 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި 25.64 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕަޓީއާއި، ލިބެންޖެހޭ ފައިސާއާއި ލޯނުގެ ގޮތުގައި ހުރި 12.18 ބިލިއަން ރުފިޔާގެ އިތުރުން، އިންވެންޓްރީގެ ގޮތުގައި ހުރި 3.78 ބިލިއަން ރުފިޔާ އަދި ނަގުދު ފައިސާގެ ގޮތުގައި ހުރި 321.7 މިލިއަން ރުފިޔާ ހިމެނެއެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެޗްޑީސީގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކާއި (އައިއެފްއާރްއެސް) ރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށާއި، މި ހިސާބުތަކުން ކޯޕަރޭޝަންގެ މާލީ ހާލަތު ވަރަށް ސައްހަކޮށް އަދި ދެފުށް ފެންނަ ގޮތެއްގައި ދައްކުވައިދެއެވެ. މިއީ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އެޗްޑީސީން އެޅި ވަރަށް ކާމިޔާބު ފިޔަވަޅެކެވެ.