ޚަބަރު
8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފޮޓޯ: ޕީއެސްއެމް
މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ހުޅުވާލައިފިއެވެ.
މި ކޮންފަރެންސަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންގެ މެދުގައި ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި އެންއައިއީން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ބައިނަލްއަޤުވާމީ ކޮންފަރެންސްގެ ސަބަބުން، ތަޢުލީމީ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިވެގެންދެއެވެ.
މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 އިން 13 އަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ. މި އަހަރުގެ ކޮންފަރެންސް ޚާއްޞަކޮށްފައިވަނީ "ރީއިމޭޖް، ރީތިންކް، ރިފޯމް - އެޑްވާންސިންގ އިނޮވޭޝަން ފޯރ އެން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ" މި ޝިޢާރުގެ މައްޗަށެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކި ފަންނުތަކުގެ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ. ކޮންފަރެންސްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 29 ވަނަ ދުވަހެވެ.
އެންއައިއީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.
މި ކޮންފަރެންސްގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމާ ގުޅޭ މުހިންމު ކަންކަމަށާއި، ދަރިވަރުން ޝައުޤުވެރިވާނެ ފަދަ އައު އުކުޅުތަކުގެ މައްޗަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން، ކޯޑިންގ އަދި ރޮބޮޓިކްސް ފަދަ ޒަމާނީ ތަޢުލީމުގެ ތަފާތު މުހިންމު ދާއިރާތަކަށްވެސް މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.