ޚަބަރު
ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަން މިހާރު އަންނަނީ ރަނގަޅުވަމުން: ވަޒީރު ރާފިއު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ----
ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަން ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، އޭގެ ހެޔޮ ފައިދާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2024 ވަނަ އަހަރު ހަދަން ފެށި ދިރާސާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެސޯސިއޭޝަންތަކުގެ މާލީ ކަންކަމުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، އެސޯސިއޭޝަންތަކުން މިހާރު އަންނަނީ އެ ފަރާތްތަކުގެ މާލީ ނިޒާމު ރަނގަޅުކުރަމުން ކަމަށެވެ.
އޭސީސީގެ ރިޕޯޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުޅިވަރު އެސޯސިއޭޝަންތައް އޮޑިޓް ނުކުރާ މައްސަލައެވެ. އެގޮތުން އެސޯސިއޭޝަންތައް އޮޑިޓް ކުރުމަށް އޮޑިޓަރުން ނުލިބޭ ކަމަށް ބުނެ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެކަމަށް ހައްލެއް ހޯދުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ މަޝްވަރާތަކަށްފަހު، އެމްއޯސީ މެދުވެރިކޮށް މިހާރު އަންނަނީ އެސޯސިއޭޝަންތަކަށް އޮޑިޓަރުން ހަމަޖައްސައިދެމުންނެވެ.
މީގެއިތުރުން، ކުޅިވަރާ ބެހޭ ވުޒާރާއިން އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަމުން ގެންދަނީ ކޮންމެ ތިން މަހަކުންނެވެ. އަދި ދޫކުރެވޭ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްޞީލު ނުދޭނަމަ، ދެން އަންނަ ކުއާޓާގައި ފައިސާ ދޫނުކުރެވޭނެ ގޮތަށް މިހާރު ވަނީ އުސޫލުތައް އިސްލާހުކޮށް ހަރުދަނާކޮށްފައެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ހަމައެކަނި ގަވާއިދުތަކެއް ހަދައިގެން ފުއްދާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި، ކުޅިވަރުގެ އިދާރާތައް ހިންގަން ތިބި ފަރާތްތަކާއި، ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ދެފުށް ފެންނަ، އިތުބާރު ހިފޭ ކުޅިވަރުގެ ރައްކާތެރި ވެއްޓެއް ޒުވާނުންނަށް ޤާއިމުކޮށްދިނުން ކަމަށާއި، ކުޅިވަރުގެ ޙައްޤުގައި މިފަދަ ހެޔޮ ބަދަލުތައް ގެނައުމުގައި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަޒީރު ރާފިޢު ވަނީ ދެއްވާފައެވެ.