ރިޕޯޓް

އެހީތެރިކަމުގެ ބޭނުންތައް އިންތިހާއަށް، ނަމަވެސް އެހީތެރިންގެ ފުރާނަ ނުރައްކަލުގައި

އެހީތެރިކަމުގެ ބޭނުންތައް އިންތިހާއަށް، ނަމަވެސް އެހީތެރިންގެ ފުރާނަ ނުރައްކަލުގައި

އެހީއަށް ބޭނުންވެފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޯގަސްޓު 2026، 04:11

19 އޯގަސްޓު 2026، 04:11

ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ފެންމަތިވެގެން މިދަނީ ނުހަނު ކަންބޮޑުވާންޖެހޭ ހިތާމަވެރި ހަގީގަތެކެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ހާލަތްތަކުގައި، ހާލުގައި ޖެހިފައިވާ މީސްތަކުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޚިދުމަތްކުރާ އިންސާނީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ އަނިޔާވެރި ހަމަލާތައް ވަނީ ތާރީޚުގައި ވެސް ރެކޯޑުނުކުރެވޭ މިންވަރަށް އިތުރުވެފައެވެ.

'އެއިޑް ވޯކަރ ސެކިއުރިޓީ ޑޭޓާބޭސް' ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރަކީ އިންސާނީ އެހީތެރިންނަށް އަމާޒުކޮށް އެންމެ ގިނަ އަދަދަކަށް ހަމަލާތައް ދެވުނު އަހަރެވެ. އެގޮތުން 1،187 އެހީތެރިއަކަށް ރައްދުވާ ގޮތަށް ހިނގި ސަލާމަތީ 712 ބޮޑު ހާދިސާއެއް ވަނީ ރެކޯޑުކުރެވިފައެވެ. މި ހާދިސާތަކުގެ ތެރޭގައި 350 މީހުން ޝަހީދުވެ/މަރުވެ، 322 މީހުން ޒަޚަމްވެ، އަދި 235 މީހުން ވަނީ ރަހީނުކޮށްފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު މިފަދަ ހަމަލާތަކުގައި ޖުމްލަ 907 އެހީތެރިން މަރުވެ، ޒަޚަމްވެ ނުވަތަ ރަހީނުކުރެވިފައިވާއިރު، މިއީ 2024 ވަނަ އަހަރު ރެކޯޑުކުރެވުނު 833 އާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން، ހަނގުރާމައިގެ މައިދާންތަކުގައި އަގުހެޔޮ ހަތިޔާރު އެޅި ޑްރޯންތަކުގެ ބޭނުންކުރުން އިތުރުވުމަކީ، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ އައު އަދި ނުރައްކާތެރި ގޮންޖެހުމެކެވެ.

އިންސާނީ އެހީތެރިންގެ މުހިންމު ޚިދުމަތްތައް ފޯރުކޮށްދެމުންދަނީ ހަނގުރާމަތަކާއި، ރެފިއުޖީ ހާލަތްތަކާއި، ބަނޑުހައިހޫނުކަމުގެ އިތުރުން ގުދުރަތީ އެކި ކާރިސާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ސަރަހައްދުތަކުގައެވެ. އާންމު ރައްޔިތުން ފުރާނައިގެ ސަލާމަތަށް އެދި ފިލަން މަސައްކަތްކުރާ ނުރައްކާތެރި މާހައުލުތަކަށް އެ ފަރާތްތަކުން ޚިދުމަތުގައި ނުކުމެ، ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ޒަރޫރީ ސިއްހީ ފަރުވާއާއި ބޯހިޔާވަހިކަން ފޯރުކޮށްދެއެވެ. އެހެންނަމަވެސް، ހިތާމައަކީ މިއަދު މިފަދަ އިންސާނީ ޚިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އަމިއްލަ ފުރާނައަށް އިންތިހާއަށް ނުރައްކާ ބޮޑު ކަމަކަށް ވެފައިވާ ކަމެވެ.

އދ. ގެ އިންސާނީ އެހީގެ ކަންކަމާ ބެހޭ ވެރިޔާ ޓޮމް ފްލެޗަރ ހާމަކުރައްވާފައިވާ ގޮތުގައި، 2025 ގެ ނިޔަލަށް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 1،000 އަށްވުރެ ގިނަ އެހީތެރިން ވަނީ މަރާލާފައެވެ. އަދި ހަމައެކަނި 2025 ވަނަ އަހަރުވެސް 21 ޤައުމެއްގައި މަދުވެގެން 326 އެހީތެރިން މަރުވެފައިވާއިރު، މީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ޣައްޒާ އަދި ވެސްޓް ބޭންކުގައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ މި ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވައި، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފައެވެ.

އިންސާނީ އެހީތެރިންނަށް އެންމެ ނުރައްކާތެރި ސަރަހައްދަކީ ޣައްޒާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން، 2025 ވަނަ އަހަރު އިންސާނީ އެހީތެރިންނަށް އެންމެ ނުރައްކާތެރި މައިދާނެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ ފަލަސްތީނުގެ ޣައްޒާއެވެ. އެ އަހަރުގެ ތެރޭގައި އެކަނިވެސް ޣައްޒާގައި އިންސާނީ ޚިދުމަތުގައި ހަރަކާތްތެރިވި 186 އެހީތެރިއަކު ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ސޫދާނަކީ ވެސް މިފަދަ އެހީތެރިންނަށް އިންތިހާއަށް ނުރައްކާތެރި ގައުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ނޭދެވޭ އަސަރު އދ. ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާ (އުންރުވާ) އަށް ވަރަށް ބޮޑަށް ވަނީ ފޯރާފައެވެ. އެގޮތުން އޮކްޓޯބަރު 2023 ގައި ފެށުނު ހަނގުރާމައަށް ފަހު، އެ އިދާރާގެ އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ޝަހީދުވެފައެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޣައްޒާއާއި ވެސްޓް ބޭންކުގައި 560 އަށްވުރެ ގިނަ އެހީތެރިން ޝަހީދުކޮށްލާފައިވާއިރު، ސޫދާނުގައި 130، ދެކުނު ސޫދާނުގައި 60، އަދި ޔޫކްރެއިންގެ އިތުރުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި، ކޮންމެ ގައުމަކުން 25 އެހީތެރިން ވަނީ ޖާނުން ފިދާވެފައެވެ.

ޑްރޯން ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތައް އިތުރުވުން

އިންސާނީ އެހީތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ހަނގުރާމައިގެ މައިދާންތަކުގައި ފަސޭހަކަމާއެކު ހޯދޭ އަގުހެޔޮ އަދި ހަތިޔާރު އެޅި ޑްރޯންތަކުގެ ބޭނުންކުރުން އިތުރުވެގެން ދިއުމެވެ. ކޮންގޯ، ސޫދާން އަދި ޔޫކްރެއިން ފަދަ ގައުމުތަކުގައި ދެމުންދާ ޑްރޯން ހަމަލާތަކުގެ ސަބަބުން، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތްތަކަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކަކާއި ހުއްޓުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ނޭދެވޭ އަސަރަކީ ހަމައެކަނި އެހީތެރިންގެ ފުރާނައަށް އޮތް ނުރައްކާ އެކަންޏެއް ނޫނެވެ. އޭގެ ސަބަބުން އެހީދޭ ޖަމިއްޔާތަކުގެ މަސައްކަތްތައް މެދުކަނޑާލަން ޖެހުމާ ގުޅިގެން، ހާލުގައި ޖެހިފައިވާ އެތައް ހާސް އާންމު ރައްޔިތުންނެއް ކާބޯތަކެއްޗާއި ކޮންމެހެން ބޭނުންވާ ޒަރޫރީ ސިއްހީ ފަރުވާއިން މަހުރޫމުވެގެން ދެއެވެ.

ތަފާސްހިސާބުތަކުގެ ފަހަތުގައިވާ އިންސާނީ ހަގީގަތް

އެއިޑް ވޯކަރ ސެކިއުރިޓީ ޑޭޓާބޭސް (އޭ.ޑަބްލިއު.އެސް.ޑީ) ގެ ތަފާސްހިސާބުތަކުން ހާމަވާ އެންމެ ހިތާމަވެރި އެއް ހަގީގަތަކީ، މިފަދަ ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްވާ ގިނަ ފަރާތްތަކަކީ ބޭރު ގައުމުތަކުން އަންނަ ބައިނަލްއަގުވާމީ މުވައްޒަފުން ނޫން ކަމެވެ. އޭގެ ބަދަލުގައި، އެއީ ހާލަތު ގޯސްވެފައިވާ އެ ސަރަހައްދުތަކަށް ނިސްބަތްވާ އަމިއްލަ ރައްޔިތުން ކަމުގައިވާ މުވައްޒަފުންނެވެ. 2025 ވަނަ އަހަރު މިފަދަ ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާންޖެހުނު މީހުންގެ ތެރޭގައި 1،144 މުވައްޒަފުން ހިމެނޭއިރު، ބައިނަލްއަގުވާމީ މުވައްޒަފުންގެ އަދަދަކީ އެންމެ 43 އެވެ. މި ހިސާބުތަކަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ އާދައިގެ އަދަދުތަކެއް ނޫނެވެ؛ އެއީ އަމިއްލަ ގައުމުގެ އަޚުންނާއި އުޚުތުންގެ ޚިދުމަތުގައި ނުކުމެތިބި ޑްރައިވަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ތަރުޖަމާނުންގެ އިތުރުން ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އާންމު އެތައް އިންސާނުންނެއްގެ މަތިވެރި ގުރުބާނީއެވެ.

އިތުރުވަމުންދާ އިންސާނީ އެހީގެ ބޭނުންތަކާއި، ހީނަރުވަމުންދާ ރައްކާތެރިކަން

އދ. ގެ އަންދާޒާތައް ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 239 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކުއްލި އިންސާނީ އެހީތެރިކަން ބޭނުންވާނެއެވެ. ނަމަވެސް، މިފަދަ ނާޒުކު ހާލަތްތަކުގައި ޚިދުމަތްކުރާ އެހީތެރިންގެ ރައްކާތެރިކަން ދުވަހެއް ދުވަހަކަށް ކުޑަވަމުން ދިއުމަކީ، މުޅި ބައިނަލްއަގުވާމީ މުޖުތަމައުއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އިންސާނީ އެހީތެރިންނަކީ ހަނގުރާމައިގެ  ބައިވެރިއެއް ނޫނެވެ؛ އަދި ހަނގުރާމަވެރިންނެއް ވެސް ނޫނެވެ. އެއީ ހާލުގައި ޖެހިފައިވާ ނިކަމެތި އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މިންނެތް މަސައްކަތްތަކެއް ކުރަމުންދާ ޚިދުމަތްތެރިންނެވެ. ބައިނަލްއަގުވާމީ އިންސާނީ އެހީތެރިކަމުގެ ދުވަސް މިއަދު ދުނިޔެއަށް ހަނދާންކޮށްދޭ އެންމެ މުހިންމު މެސެޖަކީ، މިފަދަ އެހީތެރިންނަށް އަމާޒުކޮށް ހިންގާ ލާއިންސާނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކުރުމާއެކު، މިފަދަ އަނިޔާވެރި ޖަރީމާތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރަން ޖެހިފައިވާ ކަމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450