ޚަބަރު
ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކާއި ފަރުވާ އިތުރަށް ފުރިހަމަކުރުމަށްޓަކައި އޭއައި ބޭނުންކުރަން ފަށަނީ
ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކާއި ފަރުވާ އިތުރަށް ފުރިހަމަކުރުމަށްޓަކައި އޭއައި ބޭނުންކުރަން ފަށަށް އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އެންޑީއޭ
ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކާއި ފަރުވާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެންޑީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ.
މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް މިހާރު ދެމުންދާ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށް އޭއައި އަދި ޑޭޓާ ސައިންސް ބޭނުންކޮށްގެން އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމެވެ. މި މަޝްރޫއުގެ ދަށުން އޭއައި ބޭނުންކޮށްގެން ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ދިވެހިންނާ ރައްޓެހި ގޮތްތަކަކަށް އޭއައިގެ ޚިދުމަތްތައް ބައްޓަންކޮށް، އެންޑީއޭއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދެންނެވީ ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކަކީ އިތުރު އެހެން މީހަކާ ވާހަކަ ދައްކަންވީމަ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. އެ ޗެލެންޖުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެސެސްމެންޓް ހެދުމާއި، އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ހޯދުން.
ފަސީހް ވިދާޅުވިއެވެ.
މި ފަހުމުނާމާގެ ދަށުން އެންޑީއޭގެ މުވައްޒަފުންނަށް ކަމާއި ގުޅުން ހުރި އިތުރު ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.