ކުޅިވަރު

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ވާދަވެރި ރ އަތޮޅުގެ އައްޑަނަ ދުވާފަރުން އުފުލާލައިފި

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ވާދަވެރި ރ އަތޮޅުގެ އައްޑަނަ ދުވާފަރުން އުފުލާލައިފި

ދުވާފަރުން ރ އަތޮޅުގެ އައްޑަނަ އުފުލާލުން / ފޮޓޯ: ވޮއިސް ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޯގަސްޓު 2026، 09:19

19 އޯގަސްޓު 2026، 09:19

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ރ. އަތޮޅު ބުރުގެ ފައިނަލް މެޗުގައި އިނގުރައިދޫގެ މައްޗަށް 1-3 އިން ކުރިހޯދައި، ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ.

ރ. އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ދުވާފަރާއި އިނގުރައިދޫ އެކަނި ކަމަށްވާތީ، ފައިނަލް މެޗުގެ ކުރިންވެސް މި ދެ ޓީމަށް ވަނީ ޒޯން ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ނަމަވެސް، މި ފައިނަލް މެޗު ވެގެންދިޔައީ އަލަށް ފެށި މި ޤައުމީ ފުޓްސަލް މުބާރާތުގެ ރ. އަތޮޅުގެ ފުރަތަމަ އައްޑަނަ އުފުލާލުމަށް ދެ ޓީމުގެ މެދުގައި އޮތް ވާދަވެރި ކުރިމަތިލުމަކަށެވެ. މި މުބާރާތުގައި އިނގުރައިދޫ ތަމްސީލުކޮށްފައިވަނީ ރެދަން ސްޕޯޓްސް ކްލަބުންނެވެ.

މެޗުގެ ފުރަތަމަ ކަށިގަނޑާއެކު ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި ދުވާފަރުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ އިބްރާހިމް އަނާން އަލީ އިދިކޮޅު ހާފުގެ ތެރެއިން ބޯޅަ ހޯދުމަށްފަހު ތަނަވަސްކޮށްދިން ފުރުޞަތަކުން ދުވާފަރުގެ ތަރި މުޙައްމަދު އިސާމް ކާމިޔާބުކުރި ލަނޑެކެވެ. އިސާމް ވަނީ އިނގުރައިދޫގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އޭނާގެ ހުނަރު ފުރިހަމައަށް ދައްކާފައެވެ.

ދުވާފަރުން ލީޑު ނެގި ނަމަވެސް އިނގުރައިދޫން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަލީ ޝާފިއު ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލީ އިނގުރައިދޫގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ދުވާފަރުން އަނެއްކާވެސް ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމުގައި މުހިންމު ދައުރެއް އަދާކުރި އިބްރާހިމް އަނާން އަލީއެވެ. ލީޑު ގެއްލުމުން އިނގުރައިދޫން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ދުވާފަރުގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި އަނާން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ދުވާފަރަކީ ރ. އަތޮޅުގައި މިވަގުތު އޮތް އެންމެ މޮޅު ޓީމުކަން ސާބިތުކޮށްދީފައެވެ.

މި ކާމިޔާބީއާއެކު ރ. އަތޮޅުގެ ޝީލްޑް ދުވާފަރުން އުފުލާލިއިރު، ދުވާފަރާއި އިނގުރައިދޫ ވާދަކުރާނީ މުބާރާތުގެ ނޯތު ރީޖަންގެ ޒޯން 2 ގައެވެ. މި ޒޯނުގައި ރ. އަތޮޅުގެ ޓީމުތަކާ ދެކޮޅަށް ނުކުންނާނީ ނޫނު އަތޮޅާއި، ބާ އަތޮޅު އަދި ޅަވިޔަނި އަތޮޅުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450