ޚަބަރު
މުދާ ކްލިއަރކުރުން އަވަސްކުރުމަށް ސާކުގެ ހަތަރު ޤައުމަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް
މުދާ ކްލިއަރކުރުން އަވަސްކުރުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ސަރަހައްދީ 3 ޤައުމަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، މާލޭގައި ކުރިއަށްދިޔަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިން 19 އޮގަސްޓް 2026 ވަނަ ދުވަހުއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ބަނގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނޭޕާލް ސަރުކާރުންވެފައިވާ މި އެއްބަސްވުމަކީ، ވިޔަފާރިއަށް މަގުފަހިކުރުމަށާއި މުދަލުގެ ކަސްޓަމްސް ކޮންޓްރޯލް ވަރުގަދަކުރުމަށް ޓަކައި، މުދާ އެތެރެވުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ މުހިންމު އެއްބަސްވުމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރާ ބަސްނެޓް ބައިވެރިވެވަޑައިގެންނެވިއެވެ.
Bangladesh, Bhutan, Maldives and Nepal have signed a Memorandum of Intent (MoI) on the exchange of pre-arrival information, marking an important step towards more efficient and connected customs processes across the region.
— Maldives Customs Service (@CustomsMv) August 19, 2026
🇧🇩 🇧🇹 🇲🇻🇳🇵 pic.twitter.com/u8FPESVxsa
މި އެއްބަސްވުމަކީ، ސަރަޙައްދީ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން ކަސްޓަމްސް އިދާރާތަކަށް މުދާ އެތެރެވުމުގެ ކުރިން މުހިންމު މައުލޫމާތު ބަދަލުކުރުމަށާއި، ބޯޑަރު ހުރަސްކޮށް ގަވާއިދުތަކަށް އަމަލުކުރުމާއި ވިލަރެސްކުރުން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށ ބޯޑަރު ސަރަހައްދުގައި މުދާ ލިބުން ލަސްވުމުގެ މައްސަލައަށް ހައްލެއް ލިބި، އެ ފަރާތްތަކުގެ ލޮޖިސްޓިކްސް ހަރަދުތައް ކުޑަވެ، މުދާ ލިބޭނެ ވަގުތު ލަފާކުރުމަށް ފަސޭހަވެ، އަދި ސަޕްލައި ޗެއިންގެ ރައްކާތެރިކަން ވަރުގަދަވާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިއީ ސާކް ސަރަހައްދުގެ ވިޔަފާރިތަކުން ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރި އަވަސްކަމާއި ރައްކާތެރިކަމާއިއެކު އިތުބާރު ހުރި ގޮތެއްގައި ކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.