ޚަބަރު
މިދިޔަ ޖުލައި މަހު އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ 228 މައްސަލައެއް ރިޕޯޓްކޮށްފި
މިދިޔަމަހު އެކަނި ކުޑަކުދިންނާއި ގުޅޭ 200 މައްސަލަ
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން އަދި މުޖުތަމައުގެ އެކި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާ ގުޅޭ ޖުމުލަ 228 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކެވެ. އެގޮތުން އެފަދަ 88 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް އަޅާނުލުމުގެ 22 މައްސަލަ، ޖިންސީ ގޯނާގެ 17 މައްސަލަ، ގެވެށި އަނިޔާ ފެނުމުގެ 14 މައްސަލަ، ނަފްސާނީ އަނިޔާގެ 9 މައްސަލަ، ޖިސްމާނީ އަނިޔާގެ 7 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 4 މައްސަލަ، ބުލީކުރުމުގެ 4 މައްސަލަ އަދި އެހެނިހެން 11 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ 31 މައްސަލައަކާއި، ކުދިންގެ ސުލޫކާ ގުޅޭ 15 މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ސުލޫކީ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން އިންކާރުކުރުމާއި، ރުޅިގަދަވުމާއި، ގެއިން ފިލައިގެން ދިއުން ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ގޮތުގައި 54 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ 45 އަންހެނުންނާއި 9 ފިރިހެނުންނަށް ލިބުނު އަނިޔާގެ މައްސަލަތަކެވެ. އެ މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 32 މައްސަލަ، ނަފްސާނީ އަދި އަނގަބަހުން ކުރާ އަނިޔާގެ 12 މައްސަލަ، ބިރުދެއްކުމުގެ 3 މައްސަލަ، ޖިންސީ އަނިޔާގެ 3 މައްސަލަ، ރޭޕް ކުރުމުގެ 1 މައްސަލަ އަދި އެހެނިހެން 3 މައްސަލަ ހިމެނެއެވެ. އާއިލީ މައްސަލަތަކަށް ބަލާއިރު، ބެލެނިވެރިކަމުގެ ހައްގު ހޯދުމާއި، ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދުމާއި، ޚަރަދު ނުދިނުމުގެ މައްސަލަތައް ހިމެނޭހެން 26 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މިދިޔަ ޖުލައި މަހު އެ ވުޒާރާއިން ވަނީ ހާއްސަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ 14 ފަރާތަކަށް އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވި 7 ފަރާތަކާއި، ނިކަމެތި 3 އާއިލާއަކާއި، ބޯހިޔާވަހިކަމެއް ނެތް 2 ފަރާތެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކާއި އުމުރުން ދުވަސްވީ ފަރާތެއް ހިމެނެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 2 ފިރިހެން ކުއްޖަކު ބެލުމަށް އެހެން އާއިލާތަކާ ހަވާލުކޮށްފައިވާއިރު، 3 ކުއްޖަކު ވަނީ އަނބުރާ އެ ކުދިންގެ އާއިލާއާ ހަވާލުކޮށްފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމުގެ ހެލްޕްލައިންތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންގެ ހެލްޕްލައިން (1412) އަށް 1,849 ކޯލް، އަދި އިޖުތިމާއީ އެހީގެ ހެލްޕްލައިން (1421) އަށް 503 ކޯލް ލިބިފައިވެއެވެ. މީގެ އިތުރުން ކައުންސެލިންގ ހެލްޕްލައިން މެދުވެރިކޮށް 1,849 ކޯލަކަށް ޖަވާބުދާރީވެފައިވާއިރު، 226 ފަރާތަކަށް ކައުންސެލިންގ ސެޝަން، 17 ފަރާތަކަށް ސައިކޯސޯޝަލް އެހީތެރިކަން އަދި 15 ފަރާތަކަށް ބެލެނިވެރިކަމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްދީފައެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިޖުތިމާއީ ރައްކާތެރިކަމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މައްސަލަތައް ރިޕޯޓްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިއީ މުޖުތަމައުގައި އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުވެ، ދައުލަތުގެ އެހީތެރިކަން ހޯދުމަށް ރައްޔިތުން އިސްނަގަމުންދާކަމުގެ ހެއްކެކެވެ. ކަމާބެހޭ މުއައްސަސާތަކުން ދަނީ މިފަދަ މައްސަލަތައް ހައްލުކޮށް، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.