Ads by Farudhun

ޚަބަރު

އެމްޓީސީސީގެ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފި

އެމްޓީސީސީގެ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފި

އެމްޓީީސީސީ އާއި އެޗްޑީސީއާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުން. ފޮޓޯ:އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2026، 03:20

20 އޯގަސްޓު 2026، 03:20

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މި ހަފުތާގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއި ކުންފުނީގެ އިސްވެރިންގެ އިތުރުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ ޓަވަރުތައް ވުޖޫދަށް އައިސްފައިނުވުމަކީ ކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަކުރާ ކަމެއްކަން ފާހަގަކޮށް، މިކަން ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ވެސް ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން، އެމްޓީސީސީގެ އެމްޑީގެ އިސްނެންގެވުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިޔާ މަޝްރޫޢު އަލުން ކުރިއަށް ގެންދިއުމަށްޓަކައި ބިމެއް ހަމަޖައްސައިދިނުމަށް އެދި ދެންނެވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމްޓީސީސީއަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން އެޗްޑީސީއަށް ސިޓީއަކުން ދަންނަވާފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ އިޚުލާސްތެރި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ މެނޭޖްމަންޓުގެ މުހިންމު އަމާޒެކެވެ. އެހެންކަމުން، މިއީ ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަކަށް އުންމީދުކޮށްގެން ތިބެ، އެތައް އަހަރުތަކެއް ވަންދެން މާޔޫސްވެފައިވާ މުވައްޒަފުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރެކެވެ.

ކުންފުނީގެ މެނޭޖްމަންޓުގެ އަމާޒަކީ ބިން ހަމަޖެހުމާއެކު މި މަޝްރޫޢު ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި، ކުންފުނީގެ މުވައްޒަފުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450