ޚަބަރު
ބ. މާޅޮހުގައި އިމާރާތްކުރާ މިސްކިތް: މިހާރު ކުރިޔަށްދަނީ ބީމްތަކުގެ މަސައްކަތް
ބ. މާޅޮހުގެ މިސްކިތުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: އެމްޓީސީސީ
ބ. މާޅޮހުގައި ޒަމާނީފެންވަރަށް އިމާރާތްކުރަމުންދާ މިސްކިތުގައި މިހާރު ކުރިޔަށްދަނީ ތަނބުތަކާއި ފުރާޅުގެ ބީމްތަކުގެ ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ބިނާކުރެވޭނެއެވެ. މި މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. މާޅޮހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މިސްކިތުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
މާޅޮހުގައި ބިނާކުރާ މި މިސްކިތާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ތަޞައްވުރުގެ ދަށުން ބިނާކުރެވޭ ފުރިހަމަ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތް ނިމިގެންދާއިރު އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ސިސްޓަމް ހަރުކުރެވި، މުޅި މިސްކިތް ފުރިހަމައަށް އޭސީ ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މި މިސްކިތުގައި ކީރިތި ޤުރުއާން ކިޔަވައިދޭނެ ކުލާސްރޫމަކާއި، އެހެނިހެން ޒަމާނީ ވަސީލަތްތައް ވެސް ޤާއިމުކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޒަމާނީ ފެންވަރުގެ މިސްކިތްތައް ބިނާކޮށް، އެތަންތަނަކީ ހަމައެކަނި ނަމާދުކުރާ ތަންތަނުގެ އިތުރުން، ކީރިތި ޤުރުއާން އުނގަންނައިދީ ދީނީ ޢިލްމާއި މަޢުލޫމާތު ފެތުރުމުގެ މަރުކަޒުތަކަކަށް ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.