ޚަބަރު
ސަރަޙައްދީ ޤައުމުތަކުގެ ކަސްޓަމްސް އިދާރާތަކުގެ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ޕްރޮގްރާމު ފެށުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ޕްރޮގްރާމުގެ ކަސްޓަމްސް ސަބްގްރޫޕުގެ 14 ވަނަ ބައްދަލުވުން ރަސްމީކޮށް ދިވެހިރާއްޖޭގައި ފަށައިފިއެވެ.
މި ބައްދަލުވުން އިފްތިތާޙުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ މަންދޫބުން ބައިވެރިވެފައިވެއެވެ.
މިއީ ސަރަހައްދުގެ ޤައުމުތަކުގެ ކަސްޓަމްސް އިދާރާތައް އެއްތަންކޮށް، ގުޅުން ބަދަހިކުރުމަށާއި، ޤާނޫނީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން ކަސްޓަމްސްގެ ކަންކަމުގައި އެއް ވިސްނުމެއްގައި މަސައްކަތްކުރުމުގެ މުހިންމު މަޤްޞަދުގައި ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ ބައްދަލުވުން ބާއްވާ ޤައުމުގެ ހައިސިއްޔަތުން، މި ބައްދަލުވުމުގެ ޗެއަރޕާސަންގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ސަރަހައްދީ ކަސްޓަމްސްގެ ގުޅުން ބަދަހިކުރުމާއި، ކަސްޓަމްސްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ މައްޗަށެވެ. އަދި ސާސެކް ސަރަހައްދުގައި ވިޔަފާރިކުރުން އިތުރަށް ހަލުވި، ރައްކާތެރި އަދި ފަސޭހަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ވަނީ ސަރަހައްދީ ކަސްޓަމްސްގެ ކަންކަން އިތުރަށް ހަލުވިކޮށް ގުޅުވައިލުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅާފައެވެ. އެގޮތުން، މުދާ ގެނައުމުގެ ކުރިން މަޢުލޫމާތު ބަދަލުކުރުމާ ބެހޭ 'މެމޮރެންޑަމް އޮފް އިންޓެންޓް' އެއްގައި ދިވެހިރާއްޖެ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލުން ވަނީ ސޮއިކޮށްފައެވެ.
ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ޕްރޮގްރާމުގެ ސެޝަނެއްގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
މި އެއްބަސްވުމުގެ ސަބަބުން، މުދާ އެތެރެކުރާ މަންޒިލަށް ވާސިލުވުމުގެ ކުރިން މުދަލާ ބެހޭ މަޢުލޫމާތު ކަސްޓަމްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ކަސްޓަމްސްގެ ބެލެހެއްޓުންތެރިކަމާއި، ޤަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުވެ، ސަރަހައްދީ ގުޅުންތައް ވަރުގަދަވެގެންދާނެއެވެ.
މީގެއިތުރުން، މި ބަދަލާއެކު ވިޔަފާރިވެރިންނަށް ބޯޑަރުގައި ހޭދަވާ ވަގުތު ކުޑަވެ، މުދާ ލިބޭނެ ވަގުތު ލަފާކުރަން ފަސޭހަވެގެންދާނެއެވެ. އަދި ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވެ، ސަޕްލައި ޗެއިންގެ ސަލާމަތްތެރިކަން އިތުރުވެގެންދާނެތީ، މިއީ ޤައުމުތައް ހުރަސްކޮށް ކުރާ ވިޔަފާރިތައް މާ އަވަސް، ރައްކާތެރި އަދި އިތުބާރު ހުރި ގޮތެއްގައި ކުރިއަށްގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.