ޚަބަރު
ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީއަށް 10.4 އިންސައްތައިގެ ކުރިއެރުމެއް
މާލީ ވުޒާރާ. ފޮޓޯ:ދަ އެޑިޝަން
މި އަހަރުގެ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަށް ލިބުނު ކުރިއެރުމެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 11.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ޖީ.އެސް.ޓީ އާމްދަނީ 10.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާންމު ޖީ.އެސް.ޓީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ވިޔަފާރި ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ހަރުމުދަލުން ލިބުނު އާމްދަނީ 1.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ހިލޭ އެހީގެ ގޮތުގައި 460.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 242.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 90.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 28.1 ބިލިއަން ރުފިޔާއަށް އަރައި، 19.3 އިންސައްތައިގެ އިތުރުވުމެއް ރެކޯޑްކޮށްފައެވެ. ރިކަރަންޓް ހަރަދު 24.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 3.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް ފާހަގަކުރެވިފައިވަނީ ސަބްސިޑީއަށެވެ. އެގޮތުން ސަބްސިޑީއަށް 3.5 ބިލިއަން ރުފިޔާ ހަރަދުވެ، 78.4 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ. އަދި އާސަންދައަށް 1.4 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.
މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 15.0 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ބިމާއި އިމާރާތްތަކަށް 1.2 ބިލިއަން ރުފިޔާ ހޭދަވި ނަމަވެސް، ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ކުރި ހަރަދު ވަނީ 30.0 އިންސައްތަ ދަށްވެ 3.6 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ. މި ހިސާބުތަކާއެކު ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ޖުމްލަ ބަޖެޓް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.