ޚަބަރު
ކަސްޓަމްސްގެ ޒިންމާތައް ބޯޑަރު ބެލެހެއްޓުމަށް ވުރެ މާފުޅާ: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން --
ކަސްޓަމްސްއަކީ ހަމައެކަނި ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެކުރިން ދެކެވުނު ނަމަވެސް، މިއަދު އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާފުޅާވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ 14 ވަނަ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ކަސްޓަމްސްގެ އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް މިހާރު ވަނީ ޒަމާނީކޮށްފައި ކަމަށެވެ. އަދި ސަރަޙައްދީ ވިޔަފާރި ބައްޓަންކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައްވެސް ސަރުކާރުން އިތުރުކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރަޙައްދީ ގޮތުން އިގުތިސާދީ ކުރިއެރުމަށް މަސައްކަތްކުރާއިރު، އެއް ގައުމާއި އަނެއް ގައުމާ ދެމެދު މައުލޫމާތު ހިއްސާކުރުމުގެ ހަރުދަނާ ނިޒާމެއް އޮންނަންވާނެ ކަމަށެވެ. އެހެންކަމުން، ސަރަޙައްދީ ގުޅުންތަކުގެ ދެން އޮތް މަރުޙަލާއަކީ މަޢުލޫމާތު ޚިއްސާ ކުރެވެނޭ ނިޒާމުތަކާއި އަދި މުއައްސަސާތައްވެސް ގުޅުވާލުންކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ސަރުކާރުގެ އިގުތިސާދީ އަމާޒުތަކުގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަނީ ކަސްޓަމްސް އިދާރާތައްކަން ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޑިޖިޓަލައިޒްވުމަކީ ކަރުދާސް ބޭނުންކުރުން ހުއްޓާލައި ޑިޖިޓަލައިޒް ކުރުމެއް ނޫން ކަމަށެވެ. ނަމަވެސް އަމާޒަކަށްވާންވާނީ އުސޫލުތައް އަލުން ބައްޓަންކުރުމާއި، ބޭނުމެއްނެތް އިޖުރާއަތްތައް އުވާލުމާއި، ސަރުކާރުގެ އިދާރާތައް ގުޅުވާލުމާއި، އަދި މުދާ އައުމުގެ ކުރިން މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހެދުންކަމަށެވެ.
ސަސެކްގެ ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމާއި، ބޯޑަރުތައް ރައްކާތެރިކުރުމާއި، އަދި އިގްތިސާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްގަލަކަށް އަރުވައިދޭ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބޫޓާން، ނޭޕާލްގެ އިތުރުން އިންޑިއާ އަސި ސްރީލަންކާއިން ބައިވެރިވެއެވެ.