ޚަބަރު
ލަމްބޯގިނީއެއް ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓްގައި ފުނޑުފުނޑުވި ލަމްބޯގިނީ
ސިނަމާލެ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތަކުގައި ޖެހި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:42 ހާއިރު ކަމަށެވެ.
މި ހާދިސާގައި ހޮޅިދަނޑިތަކުގައި ޖެހުމަށްފަހު ކާރު ވަނީ މަގުމައްޗަށް ފުރޮޅާލާފައެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރުގެ ތެރޭގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި ކަމަށާއި، އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެކްސިޑެންޓުގެ ސަބަބުން ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ ކުރަމުންނެވެ.