ޚަބަރު
ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭ ވެހޭ ދުވަހެއް ފޮޓޯ: އިންޓަނެޓް
ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 13:45 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު މެޓް އޮފީހުން މެދުނުކެނޑި ބަލަމުން އަންނައިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. ރެކޯޑުތައް ދައްކާ ގޮތުން އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށެވެ. އެއީ 37.0 މިލިމީޓަރުގެ ވާރޭއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 25.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުންނާއި، ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.