ޚަބަރު
ފެހުރިހި ބަލަން ވަންނަ އުޅަނދުގައި ބުރަފަތި ގާޑު ހަރުކުރަން އެދި 45 އެޕްލިކޭޝަން
ފެހުރިހި ފޮޓޯ:އިންޓަނެޓް
ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ފެހުރިހި ބަލަން ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ގާޑު ހަރުކުރުން މަޖުބޫރުކުރުމާ ގުޅިގެން، އެކަމަށް އެދި މިހާތަނަށް 45 އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައި ވީނަމަވެސް އިސްކަންދީގެން މިވަގުތު ބެލެހެއްޓެނީ ފަސް ސަރަހައްދެއް ކަމަށެވެ. މީގެ ތެރެއިން އދ. އަތޮޅުގައި އޮންނަ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަހައްދަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު އަދި އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ވެސް މަގުބޫލު ސަރަހައްދެކެވެ. ނަމަވެސް، އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އުޅަނދުތައް ޒިޔާރަތްކުރުމުގެ ސަބަބުން، އުޅަނދުތަކުގެ ބުރަފަތިން ޖެހި ފެހުރިއްސަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ޤާނޫނަށް ބަދަލުގެނެސް، ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. މިއީ ފެހުރިއްސަށް ލިބޭ އަނިޔާތައް ހުއްޓުވުމުގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް 6 އުޅަނދެއްގައި ގާޑު ހަރުކޮށް ނިމިފައިވާއިރު، އިތުރު 45 ފަރާތަކުން ވަނީ އެކަމަށް އެދި ހުށަހަޅާފައެވެ. އަދި ބުރަފަތީގައި ގާޑު ހަރުކުރުމަކީ އުޅަނދު އެހެލައިގެން ކުރަންޖެހޭ ކަމަކަށްވާތީ، ޖާގައިގެ ދަތިކަން ހުރި ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފެހުރިއްސާއި އޭގެ މާހައުލު ރައްކާތެރިކުރުމުގެ އުސޫލެއް އެންމެ ފުރަތަމަ 5 ޖޫން 2009 ގައި އެކުލަވާލި ނަމަވެސް، 2024 ވަނަ އަހަރު ވަނީ މި އުސޫލު އިތުރަށް ހަރުދަނާކޮށް އައު ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އާންމުކޮށްފައެވެ. މި އައު އުސޫލުގެ ދަށުން، ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދު "ކޮންޓެކްޓް ޒޯން" އެއްގެ ގޮތުގައި ކަނޑައަޅައި، އެއްފަހަރާ އެ ޒޯނަށް ވަދެވޭނީ ގިނަވެގެން 3 އުޅަނދަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އެ ޒޯނުގައި ދުއްވޭނެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 5 ނޮޓު ކަމަށާއި، ފެހުރިހީގެ 50 މީޓަރުގެ ސަރަހައްދުގައި ދުވެލި ގަޑިއަކު 2 ނޮޓަށް ދަށްކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ސަމްޕާ ސަރަހައްދަކީ އިންތިހާއަށް ބޮޑު އަދި ވަދެނިކުމެވޭނެ މަގުތައް ގިނަ ތަނަކަށްވުމުން، އާދައިގެ އުސޫލުތަކުން އެ ސަރަހައްދު ބެލެހެއްޓުމުގައި އިދާރީ ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އަލަށް ގެނެވުނު ބަދަލުތަކާއެކު ފެހުރިހި ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.