Ads by Farudhun

ޚަބަރު

ކުދި ވިޔަފާރިތަކާ ގުޅުންހުރި ގަވާއިދުތައް މުރާޖަޢާކޮށް އިސްލާޙުކުރުމުގެ މަސައްކަތް ބީސީސީން ފަށައިފި

ކުދި ވިޔަފާރިތަކާ ގުޅުންހުރި ގަވާއިދުތައް މުރާޖަޢާކޮށް އިސްލާޙުކުރުމުގެ މަސައްކަތް ބީސީސީން ފަށައިފި

(ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ފޮޓޯ: އެމްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޯގަސްޓު 2026، 05:24

21 އޯގަސްޓު 2026، 05:24

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، އެ ނިޒާމަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ. ޟިޔާއު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ވިޔަފާރިވެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚާއްޞަ ބަޔާނުގައެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ވިޔަފާރީގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފަންނުވެރިންނާއި، ޑިޒައިނަރުން، ޑިވެލޮޕަރުން އަދި ފްރީލާންސަރުން ފަދަ ހުނަރުވެރި ފަރާތްތަކަށް، އެމީހުންގެ އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމުގެ ފުރުޞަތު މިއަދު ތަނަވަސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ޑިޖިޓަލް އަދި ކްރިއޭޓަރ އިކޮނޮމީ އަކީ، ޒުވާނުންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާޞިލުވުމަށް ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެއް ކަމުގައިވެސް ޟިޔާއު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޑިޖިޓަލް ސިޔާސަތާއެކު، ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ "އުފެއްދުންތެރި އިޤްތިޞާދު" ނުވަތަ ކްރިއޭޓަރ އިކޮނޮމީ ވެގެންދާނީ ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންގެ މުސްތަޤްބަލް އުޖާލާވެގެންދާނެ ކަމަކަށް ކަމަށާއި، މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ޒުވާން ވިޔަފާރިވެރިންނަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި އިޤްތިޞާދު އުފެއްދުންތެރި އިޤްތިޞާދަކަށް ބަދަލުކުރުމަށްޓަކައި ޤާއިމްކުރާ "ކްރިއޭޓަރ ހަބް"ގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިވެހި އުފެއްދުންތެރިންނަށް ލިބޭނެ މަގު ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވަމުން ޟިޔާއު ވިދާޅުވީ، އެ ކޯޕަރޭޝަންގެ އަމާޒަކީ ކްރިއޭޓަރ ހަބް މެދުވެރިކޮށް، އުފެއްދުންތެރިންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ގޮތްތަކެއް ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބީސީސީން މިދަނީ، ކުދި ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ވެސް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުން. އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެފަރާތްތަކަށް ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަން ފަހި ކުރުމަށް އިސްކަން ދީގެން ޚާއްޞަ މަސައްކަތްތަކެއްވެސް މިދަނީ ކުރަމުން. މިއީ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވެގެންދާނެ

      ޟިޔާއު ވިދާޅުވިއެވެ.

ބީސީސީގެ އެމްޑީ އިތުރަށް ވިދާޅުވީ، ވިޔަފާރިވެރިޔަކު ހުރި ރަށަކީ ނުވަތަ ތަނަކީ އޭނާއަށް ލިބެންޖެހޭ ފުރުޞަތުތަކަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އިރުޝާދާއި، ތަމްރީނާއި، މާކެޓް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ބީސީސީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން، ވިޔަފާރީގެ ވިސްނުމުގައި ތިބި ޒުވާނުންނަށް މިއަދު ފަހިވަމުންދާ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ކުރިއަށް ދިއުމަށް ޟިޔާއު ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450