ޚަބަރު
މިލަންދޫގެ ކަރަންޓު ޚިދުމަތް ހަރުދަނާކުރުމަށް 1.2 މެގަވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފި
މިލަންދޫއަށް ގެންދިޔަ ޖެންސެޓް ފޮޓޯ: މިލަންދޫ ފެނަކަ
ށ. މިލަންދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރަށަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި 1.2 މެގަވޮޓުގެ އައު ޖެންސެޓެއް މިއަދު އެ ރަށަށް ގެންގޮސްފިއެވެ.
ފެނަކަ މިލަންދޫ ބްރާންޗުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ މިހާތަނަށް އެ ރަށަށް ގެނެވުނު އެންމެ ބޮޑު ޖެނެރޭޓަރެވެ. މި އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން، ޓެކްނިކަލް މައްސަލަތައް ދިމާވެ ވޯލްޓޭޖް އޯވަރ ވެގެން ކަރަންޓު ކެނޑޭ ކެނޑުމަށް ވަރަށް ބޮޑު އަދި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ފަރާތުން ހާމަކުރެއެވެ.
މި ޖެންސެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރު މިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ގެނެވުނު ޖެންސެޓެކެވެ. އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިލަންދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް ޖެންސެޓެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި ވަޢުދު ފުއްދަވައިދެއްވި ކަމަށްޓަކައި މިލަންދޫ ފެނަކަ ބްރާންޗުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.
މީގެއިތުރުން، މި ޖެންސެޓް ވީހާވެސް އަވަހަކަށް ރަށަށް ގެނައުމަށްޓަކައި އެކި ގޮތްގޮތުން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ފެނަކަ އެމްޑީ މުޙައްމަދު އަފީފު ހުސައިން އަދި މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޙަސަން މުފީދަށް ވެސް މިލަންދޫ ފެނަކައިން ވަނީ ޚާއްޞަ ޝުކުރެއް އަރިސްކޮށްފައެވެ.