ޚަބަރު
ފަޚުރުވެރި ވަނައަކާއެކު، ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުގެ ބައިވެރިން ރާއްޖެ އަތުވެއްޖެ
ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުގެ ބައިވެރިން
ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުނު "46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ ހޮލީ ޤުރްއާން" މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިން މުބާރާތް ނިންމުމަށްފަހު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް ޤުރްއާން ކިޔެވުމުގެ މުބާރާތް ކަމަށްވާ މި މުބާރާތުގައި، މި އަހަރު ދުނިޔޭގެ 133 ޤައުމަކުން ގިނަ ޢަދަދެއްގެ ބައިވެރިން ވާދަކޮށްފައިވެއެވެ. މި ފަހަރުގެ މުބާރާތަކީ އޭގެ ދިގު ތާރީޚުގައި އަންހެން ބައިވެރިންނަށް ޚާއްޞަ ގޮތްޕެއް ހިމަނައިގެން، އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި 4 ދަރިވަރުންގެ ތެރެއިން، އަންހެން ކުދިންގެ ބައިން ވާދަކުރި އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ވަނީ މުޅި ދުނިޔެއިން 4 ވަނަ ހޯދައި، ރާއްޖެއަށް ބޮޑު ފަޚުރަކާއި ޝަރަފެއް ހޯދައިދީފައެވެ. މި ކާމިޔާބީއާއެކު ޝާޔާއަށް އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސަޢޫދީ ރިޔާލު ވަނީ ލިބިފައެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ވަނަތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މައްކާގެ މަސްޖިދުލް ޙަރަމްގައެވެ. މި ޚާއްޞަ ޙަފްލާއަށްފަހު، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚް ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، ހޯދި މަތިވެރި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެ، ކުރިމަގަށް ހިތްވަރު ދެއްވާފައެވެ.
ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު ޤުރުއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރަކު މިފަދަ ރަންވަނައެއް ހާސިލުކުރުމަކީ ދިވެހި ޤައުމަށާއި އިސްލާމީ އުންމަތަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
"46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" 1448/2026 ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލް ކުރި ބައިވެރިން އެނބުރި ރާއްޖެ އައިސްފިއެވެ. pic.twitter.com/IhbTyAIxDI
— National Centre for the Holy Quran (@nchq_official) August 21, 2026