ޚަބަރު
ތިލަމާލެ ބްރިޖްގެ މާލެއާ ވިލިމާލެ ގުޅައިދޭ ސެގްމެންޓް މިއަދު ގުޅާލަނީ
ތިލަމާލެ ބްރިޖް. ފޮޓޯ: ދަ ޕްރެސް
ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.
ތިލަމާލޭ ބުރިޖަކީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، ވިލިމާލެއާއި މާލެ ގުޅުވާލަދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު އެ ބައިގެ މައި އޮނިގަނޑުގެ މަސައްކަތް އެއްކޮށް ފުރިހަމަވެގެންދާނެއެވެ. އަދި މި މުހިންމު ކާމިޔާބީ ފާހަގަކުރުމަށްޓަކައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަހު ސެގްމަންޓު ގުޅާލުމަށްފަހު ދެން ކުރިއަށްދާނީ ފިނިޝިންގ މަސައްކަތްތަކެވެ. މީގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، މަގުބައްތި ނުވަތަ ލައިޓް ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. ބްރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރަން ހުޅުވާލެވޭނީ މި ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށް އެފްކޮންސް އިން ބުނެއެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި، މި ރަށްތައް ހުރަސްކުރާނީ ހައިވޭތަކަކުންނެވެ. މިގޮތުން ހައިވޭތައް ހެދުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމާއި، ތިލަފުށީގައި ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ.
މުޅި މި ބިޔަ މަޝްރޫޢަށް ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ) ޚަރަދުވާނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. މީގެ އިތުރުން މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ފައިސާ ޚަރަދުކުރެއެވެ.