ޚަބަރު
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިން ބާރުވެރިކުރުވުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
ދިވެހިން ބާރުވެރިކުރުވުމަށް ޚާއްޞަ ތަމްރީނު - ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވެމުންދާ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބެލެހެއްޓުމުގައި ދިވެހި ފަންނީ މުވައްޒަފުންގެ ދައުރު ފުޅާކޮށް، އެފަރާތްތަކުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ޚާއްޞަކޮށްގެން ކުރިއަށްގެންދަނީ ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްރަށުގައި ހުންނަ އިންޖީނުގެތަކުގެ މުވައްޒަފުންނަށެވެ. މީގެ އިތުރުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ދެ ކުންފުނި ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހުގެ ފަންނީ ޓީމުތައް ވެސް މި ޕްރޮގްރާމުގައި ވަނީ ބައިވެރިވެފައެވެ.
މި ތަމްރީނުގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި އަލަށް ތަޢާރަފުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުމެވެ. އަދި މިފަދަ ޒަމާނީ ނިޒާމުތައް ހިންގުމުގައި ދުވަހުން ދުވަހަށް ދިމާވެދާނެ އެކިއެކި ޓެކްނިކަލް މައްސަލަތައް، ބޭރުގެ އެހީތެރިކަމަކާ ނުލައި އަމިއްލައަށް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރުމުގެ ފުރިހަމަ ޤާބިލުކަމާއި ޢަމަލީ ތަޖުރިބާ ދިވެހި ފަންނުވެރިންނަށް ހޯދައިދިނުމަކީ މި ޕްރޮގްރާމުގެ މުހިންމު އެއް ބޭނުމެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މިފަދަ ޢަމަލީ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، އިންޖީނުގެތަކުން ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ތަނުން ކުޑަކުރެވިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ތަމްރީނުތަކުގެ އެހީގައި ރަށްރަށުގެ އިންޖީނުގެތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ޔަޤީންކަން ބޮޑު ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.