ރިޕޯޓް

ވަޒީފާތައް ބަހައި ޤައުމު ބަނގުރޫޓުކޮށް، މިއަދު އަނެއްކާވެސް ރައްޔިތުން މަގުމަތިކުރަން މަޖުބޫރުކުރުވީ ހަމަ އެމީހުން!

ވަޒީފާތައް ބަހައި ޤައުމު ބަނގުރޫޓުކޮށް، މިއަދު އަނެއްކާވެސް ރައްޔިތުން މަގުމަތިކުރަން މަޖުބޫރުކުރުވީ ހަމަ އެމީހުން!

އެމްޑީޕީގެ އިސްވެރިން - ފޮޓޯ: އެޓޯލް ޓައިމްސް

farudhun logo

ފަރުދުން

22 އޯގަސްޓު 2026، 12:12

22 އޯގަސްޓު 2026، 12:12

ދިވެހި ސިޔާސީ މަސްރަޙަކީ އަޖައިބުތަކުން ފުރިގެންވާ ތަނެކެވެ. މިއަދު އެއް ވާހަކައެއް ދައްކާފައި، މާދަމާ ހަމަ އެ ވާހަކައިގެ އަނެއްކޮޅު ހިފައިގެން ނުކުތުމަކީ ބައެއް ސިޔާސީ ޕާޓީތަކަށް މާ ބޮޑު ކަމެއް ނޫނެވެ. ދެފަހަރު ދޭތި ކިޔުމުގައި އަބަދުވެސް ކުރީގައި އުޅޭ އެމްޑީޕީން، މިއަދު ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގެ މައްސަލައިގައި ކުޅެމުން އެދަނީ ލަދުވެތި، އެހާމެ ހެއްވާ "ޑްރާމާ" އެކެވެ. އަމިއްލައަށް ރޯކޮށްލި އަލިފާންގަނޑު މުޅި ޤައުމުގައި ފެތުރުމުން، އަނދަނީއޭ ކިޔައިގެން އެންމެ ބާރަށް ހަޅޭއްލަވަމުން މިހާރު ދުވަނީ ހަމަ އެ އަލިފާން ރޯކުރި މީހުންނެވެ.

ފަސްއެނބުރި އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރަށް، ޚާއްޞަކޮށް ވެރިކަމުގެ ފަހު ދުވަސްވަރަށް ބަލައިލަމާ ހިންގަވާށެވެ. އިންތިޚާބު ކާމިޔާބު ކުރުމުގެ ދަހިވެތިކަމުގައި، ދައުލަތަށް ނުކަތާ ވަރަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ބަހައި ހުސްކުރިއެވެ. ދިވެހިރާއްޖޭގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ލޮޅުންތައް އަރުވައި، މަސްދޯނިފަހަރުގައި ތިބި ޒުވާނުން ބާލައިގެން ގެނެސް ފެނަކަ ފަދަ ކުންފުނިތަކުގެ އޮފީސްތަކުގެ ގޮނޑިތައް ފުރާލިއެވެ. މީގެ ނަތީޖާއަކަށްވީ އޮޑިދޯނިފަހަރު ފަޅުވެ، ސަރުކާރުގެ ކުންފުނިތައް ބޮޑެތި ދަރަނިތަކުގެ ތެރެއަށް ޣަރަޤުވެ، މުޅި ޤައުމުގެ މާލީ ނިޒާމު އިނދަޖެހުމެވެ. އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ މި ބޮޑު އިޤްތިޞާދީ މުޞީބާތް ދިވެހި ރައްޔިތުންނާއި މި ސަރުކާރުގެ ކަރުގައި އަޅުވާފައެވެ. 

މި ހިތާމަވެރި ޙަޤީޤަތް މާލީ ވަޒީރު ޙަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ރަސްމީ ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް އެނގެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2019 އިން 2023 އަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 18,053 މުވައްޒަފުން ވަނީ އިތުރުކޮށްފައެވެ. މިއީ ގާތްގަނޑަކަށް 97 އިންސައްތައިގެ އިތުރުވުމެކެވެ. 2018 ވަނަ އަހަރާ އަޅާބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގައި 36,729 މުވައްޒަފުން ތިއްބެވެ. އެމްޑީޕީގެ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި އާދަޔާ ޚިލާފަށް މީހުން ވެއްދުމުގެ ސަބަބުން، އެ މީހުންނަށް މުސާރަ ދިނުމަށްޓަކައި އެކަނިވެސް އެ ވެރިކަން ނިމުނުއިރު އެޑްވާންސް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 634 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އަދި އެވަރުން މި މައްސަލަ ނިމުނީއެއް ނޫނެވެ. ވެރިކަން ގެއްލުމާއެކު، ސަރުކާރުގެ ކުންފުނިތަކުގައި މީހުން ގިނަވެގެން ދައުލަތުގެ ބަޖެޓަށް ނުކަތާ ވާހަކަ ދައްކައި، ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުން ވަކިކުރަން އެންމެ ބާރަށް ވަކާލާތުކޮށް ގޮވާލީވެސް ހަމަ މި ދެންނެވި އެމްޑީޕީންނެވެ. އެހެންނަމަވެސް، މިއަދުގެ ސަރުކާރުން އެ ކުންފުނިތަކަކީ މާލީ ގޮތުން ދެމެހެއްޓެނިވި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަންތަނަށް ހެދުމަށްޓަކައި "ރައިޓް-ސައިޒިންގ" ސިޔާސަތު ތަންފީޛުކުރަން ފެށުމުން، އެންމެ ބާރަށް ކަންބޮޑުވުން ފާޅުކޮށް، "މީހުން މަގުމަތިކުރަނީއޭ" ކިޔައިގެން މީޑިއާތަކުގެ ސުރުޚީތައް ފަޅުފިލުވާ މަގުމަތީގައި މުޒާހަރާ ކުރަނީވެސް ހަމަ އެމީހުންނެވެ. މިއީ ސިޔާސީ ގޮތުން ދެއްކޭނެ އެންމެ ދަށު ދަރަޖައިގެ ޢަމަލެވެ. މީގެން ފެންނަނީ ދެފުށްކެހެރިކަމެވެ.

އެމްޑީޕީގެ ސަބަބުން ސަރުކާރަށް މި ބަދަލު ގެންނަން މަޖުބޫރުވީއެވެ. މަޖުބޫރު ކުރުވީވެސް ހަމަ ތި ކިޔާ އެންމެ ހެޔޮ އެދޭ ދެ އުޅިއެއް ނުވާ ސިޔާސަތުތައް ގެންގުޅޭ އެމްޑީޕީއިންނެވެ.

ޙަޤީޤަތަކީ މިއަދުގެ ސަރުކާރުން މި ބަދަލުތައް ގެންނަނީ އެމްޑީޕީން ތުހުމަތުކުރާ ފަދައިން ވަކި ސިޔާސީ ފިކުރަކަށް ބަލައިގެން ނޫން ކަމެވެ. ވަޒީރު ޙަސަން ޒަރީރު ކަށަވަރުކޮށްދެއްވި ފަދައިން، ވަކި ސިޔާސީ ޚިޔާލަކަށް ބިނާކޮށް މުވައްޒަފުން ވަކިކުރުމަކީ މި ސަރުކާރުން ތާއީދުކުރާ ކަމެއް ނޫނެވެ. އަދި އެފަދަ އެއްވެސް އިރުޝާދެއް މިނިސްޓްރީން ދީފައެއްވެސް ނުވާނެ ކަމުގެ ޔަގީންކަންވެސް މިނސްޓަރު ވަނީ ދެއްވާފައެވެ. މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުން އަދިވެސް އެބަތިއްބެވިކަމީ މީގެ ހެއްކެކެވެ. މާޒީގައި އެމްޑީޕީގެ ސަރުކާރުން ސީދާ ޕީޕީއެމް/ޕީއެންސީގެ ފިކުރުގެ މީހުން ހޯދައި ވަޒީފާތަކުން ވަކިކުރި ނަމަވެސް، މި ސަރުކާރުން ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކޮށް، ތާއީދުކުރާ ފަރާތްތައްވެސް އެބަތިއްބެވެ. އެއީ މި ސަރުކާރާއި ވޭތުވެދިޔަ ސަރުކާރުތަކުގެ މެދުގައި ހުރި މައިގަނޑު ތަފާތެވެ.

ވަޒީފާތަކަށް ގެންނަ މި ބަދަލުތަކަކީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު، ހަރުދަނާ އުސޫލުތަކެއްގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. މީގެ ތެރޭގައި ވަކިކުރެވެނީ ވަޒީފާއަށް ފަރުވާކުޑަކޮށް، ހަމައެކަނި ޕަންޗް ކޮށްލުމަށްފަހު މުޅި ދުވަސް ކެފޭތަކުގައި ދުއްވާލާ މީހުންނާއި، އެ މަޤާމަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަނުވާ ނާޤާބިލު ފަރާތްތަކެވެ. މީގެ އިތުރުން، މި ސަރުކާރުން ވަނީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ވަކިވާ މުވައްޒަފުންނަށް "އެސްއެމްއީ އިންޕެކްޓް ފަންޑު" ގެ އެހީގައި ލޯނު ލިބޭނެ ފަހި މަގުތަކެއް ތަނަވަސްކޮށްދީ، އިޤްތިޞާދީ ގޮތުން އެހެން ފުރުޞަތުތަކެއް ހުޅުވާލަދީފައެވެ.

އަމިއްލަ ސިޔާސީ މަންފާއަށްޓަކައި އެތައް ޢާއިލާއެއްގެ ދިރިއުޅުމާ ކުޅެ، ނުތަނަވަސްކަމުގެ ތެރެއަށް އެ މީހުން ވައްޓާލީ އެމްޑީޕީގެ ވެރިކަމުގައެވެ. އަމިއްލަ އެދުމުގައި ޖެހި ހެދި ބޮޑެތި ގޯސްތަކުގެ ޒިންމާ މިއަދު އެހެން ބައެއްގެ ބޮލުގައި އަޅުވަން އުޅުމަކީ ލަދުވެތި، ނާތަހުޒީބު ޢަމަލެކެވެ. ދިވެހި ރައްޔިތުންނަކީ މިއަދު މިފަދަ ކެހިވެރި ސިޔާސީ ދަންމަޅިތަކަށް ލޯހުޅުވި، ހޭލުންތެރިވެފައިވާ ބައެކެވެ. ވިސްނާ ފިކުރު ކުރާ ބައެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450