ޚަބަރު
ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ: ފަހުމީ
އެމްޑަބްލިޔުއެސްސީގެ އެމްޑީ ފަހުމީ. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ފެނުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ރާވާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫޢު ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި އެންވަޔަރަމަންޓަލް ދިރާސާތައް ކުރަމުންދާ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭސަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަރޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓަރ ކަނޑަށް ދޫކުރުމަށް ފަސޭހަވުމާއި 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެ. އޯރގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެ،" ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، ކަނޑުގެ އަޑިން ފެން އުފެއްދިއްޖެނަމަ އެއީ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި މަސައްކަތް ނޯވޭގައި ކާމިޔާބުކަމާއެކު ކުރިއަށްދާތީ، އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް ތަޖުރިބާ ހޯދުމަށް އެ ޤައުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބިޔަ މަޝްރޫޢު ވެގެންދާނީ ރާއްޖެ ނަމޫނާއަކަށް ވާނެ ފަދަ މުހިންމު މަސައްކަތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، ތިލަމާލެ ބުރިޖާއެކު މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. އެގޮތުން ތިލަފުށި ނުވަތަ ގުޅީފަޅުގައި ފެން ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށްފަހު މާލެއާއި ހުޅުމާލެއަށް ފެން ސަޕްލައި ކުރުމަށް ރާވާފައިވާ ކަމަށާއި، މިއީ ބޮޑު ހޭދައެއް ހިނގާނެ ނެޓްވޯކަކަށް ވުމުން ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް މި މަޝްރޫޢު ފެށުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.