Ads by Farudhun

ޚަބަރު

ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ %27.6 މީހުން ޗުއްޓީ ހޭދަކުރީ ގެސްޓުހައުސްތަކުގައި

ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ %27.6 މީހުން ޗުއްޓީ ހޭދަކުރީ ގެސްޓުހައުސްތަކުގައި

ޗައިނާގެ ފަތުރުވެރިން - ފޮޓޯ: ޗައިނާ ޑެއިލީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 އޯގަސްޓު 2026، 01:45

22 އޯގަސްޓު 2026، 01:45

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓް ކަމުގައިވާ ޗައިނާއިން އައި ފަތުރުވެރިންގެ ތެރެއިން 27.6 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓުހައުސްތަކުގައި ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ދާއިރާއަށް ޗައިނާ މާކެޓުން ލިބެމުންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑުތައް ދައްކާ ގޮތުން، މި އަހަރުގެ އޯގަސްޓު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,385,676 (އެއް މިލިއަން ތިންލައްކަ އަށްޑިހަ ފަސްހާސް ހަސަތޭކަ ހަތްދިހަ ހަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޗައިނާއިން އައި ފަތުރުވެރިންނެވެ. އެގޮތުން ޗައިނާއިން އެ މުއްދަތުގައި 252,072 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 18.6 އިންސައްތައެވެ. އެ ގައުމުން އައި ފަތުރުވެރިންގެ 67.8 އިންސައްތަ މީހުން ރިސޯޓުތައް އިޚްތިޔާރުކުރިއިރު، 27.6 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓުހައުސްތަކުގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ގައުމުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ އިޓަލީވިލާތުގެ ފަތުރުވެރިންނެވެ. އިޓަލީން އައި 89,080 ފަތުރުވެރިންގެ 27.8 އިންސައްތަ މީހުން ގެސްޓުހައުސްތަކުގައި މަޑުކޮށްފައިވެއެވެ.

މީގެއިތުރުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ރަޝިޔާއިން 199,510 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެމީހުންގެ 82.2 އިންސައްތަ މީހުން ތިބީ ރިސޯޓުތަކުގައެވެ. އަދި ގެސްޓުހައުސްތަކުގައި ހޭދަކުރީ 15.4 އިންސައްތަ ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 106,314 މީހުން ރާއްޖެ އައިއިރު، އެ ގައުމުގެ 87.5 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. އިނގިރޭސި ފަތުރުވެރިންގެ ތެރެއިން ގެސްޓުހައުސްތައް އިޚްތިޔާރުކުރީ އެންމެ 9.2 އިންސައްތަ މީހުންނެވެ.

އެހެން މުހިންމު މާކެޓްތަކަށް ބަލާއިރު:

  • ޖަރުމަނުވިލާތް: ޖުމްލަ 83,355 ފަތުރުވެރިން – 81.3 އިންސައްތަ ރިސޯޓުތަކުގައި، 13.8 އިންސައްތަ ގެސްޓުހައުސްތަކުގައި.
  • އިންޑިއާ: ޖުމްލަ 79,999 ފަތުރުވެރިން – 78.0 އިންސައްތަ ރިސޯޓުތަކުގައި، 19.2 އިންސައްތަ ގެސްޓުހައުސްތަކުގައި.
  • ފަތުރުވެރިން ޗުއްޓީ ހޭދަކުރި ވަސީލަތްތަކަށް ބަލާއިރު، ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑުތަކުގައި ނިސްބަތުން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ އެމެރިކާގެ ފަތުރުވެރިންނެވެ.
  •  އެމެރިކާއިން ރާއްޖެއަށް ޒިޔާރަތްކުރި 33,060 ފަތުރުވެރިންގެ 4.4 އިންސައްތަ މީހުން އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރިއިރު، 77.6 އިންސައްތަ މީހުން ރިސޯޓުތަކުގައި އަދި 14.8 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓުހައުސްތަކުގައެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރިސޯޓު ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކަށް ބޭރުގެ މުހިންމު ބޮޑެތި މާކެޓްތަކުން ލިބޭ ތަރުހީބު އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450